މިދިޔަ ހަފްތާގެ ހުކުރުދުވަހު އައިޖީއެމްއެޗާ ދިމާލު މޫދުގައ މަރުވެފައި އޮއްވާ ފެނުނު މުހައްމަދު ސިދުރަތުﷲ އަހުމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިފެށޭ ހަފްތާގައި ރާއްޖެއިން ބޭރަށް ފޮނުވޭނެކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މިމަހުގެ 23 ވީ ހުކުރުދުވަހު އައޖީއެމްއެޗާ ދިމާލު މޫދުން މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު، މުޙައްމަދު ސިދުރަތުﷲ އަޙްމަދު (31އ)ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވެންދެން އޭނާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގައެވެ. ސިދުރަތުﷲގެ ހަށިގަނޑު ވަޅުނުލާ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުން ލަސްވާތީ އާއިލާއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ސިދުރަތުﷲގެ ހަށިގަނޑު މިފެށޭ ހަފްތާގެ ހޯމަ ނުވަތަ އަންގާރަ ދުވަހު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވޭނެކަމަށެވެ. އަދި މިހާތަނަށް ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ނުފޮނުވި ލަސްވީ ހަށިގަނޑު ފޮނުވުމުގެ ކުރިން އިންތިޒާމްކުރަންޖެހޭ ކަންކަން ކުރަމުންދިއުމުންކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު ވިދާޅުވިއެވެ.
ސިދުރަތުﷲގެ މަރަކީ ގުދުރަތީ މަރެއްކަމަށް ކަށަވަރު ނުވާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ. މޫދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށެވެ. އެހެންކަމުން ސިދުރަތުﷲގެ މަރުގެ ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އާންމުންގެ ފަރާތުން މައުލޫމާތެއްވާނަމަ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ