އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް މިހާތަނަށް 5 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަރާސް ހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި އުފެއްދި އެ އޮފީހުގެ މަސައްކަތަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް ނިޒާމީ ގޮތެއްގައި ރޭވިގެން ދައުލަތުގެ އިދާރާއަކުން ނުވަތަ އެތަނުގެ ވެރިޔަކު މީހެއްގެ އިންސާނީ ހައްގަކަށް އަރައިގެންފައިވާނަމަ، އެ މައްސަލައެއް ބަލައި އިންސާފު ހޯދައި ދިނުމެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ވަނީ މި މަހުގެ 13 ވަނަ ދުވަހަށް ހަމަވެފައެވެ. މި މުއްދަތުގައި 400 އަށް ވުރެ ގިނަ މައްސަލަ އެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް އެއޮފީހުން ބަލަން ނިންމީ އެންމެ 19 މައްސަލައެކެވެ.
އެއޮފީހުން މިހާތަނަށް ހުށަހެޅި އެއްވެސް މައްސަލައެއް ބަލަން ފަށާފައިނުވެއެވެ. ފިނޭންސް މިނިސްޓްރީއިން އާންމުކުރި ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި އިންތިގާލީ އިންސާފުގެ އޮފީސް އުފައްދައި އިސްވެރިން އައްޔަން ކުރި ފަހުން ނުވަމަސް ދުވަހުގެ ތެރޭގައި އެ އޮފީހުގެ ހަރަދުތަކަށް ވަނީ ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ މަހެއްގެ މައްޗަށް 555.555 ރުފިޔާއެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭނީ އިންތިޤާލީ އިންސާފުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކާ ގުޅޭ މައްސަލަތަކެވެ.
އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އިންތިގާލީ އިންސާފުގެ އޮފީހެއް އުފެއްދުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަކާއި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް ރައީސް ސޯލިހް ވަނީ ރިޔާސީ ކޮމިޝަން އުފައްދަވާފަ އެވެ. ނަމަވެސް ރައީސް އުފައްދަވާފައިވާ ކޮމިޝަންތަކުންނާއި އެކިއެކި ކޮމިޓީތަކުގެ މަސައްކަތުން އިންސާފު ނުލިބޭތީ އާންމުންގެ ފާޑުކިޔުން ބޮޑެވެ.