الله އަންގަވާފައިވާ ގޮތަށް މުދަލާއި، ފައިސާ ހޭދަކުރުމަކީ، ސުވަރުގެއަށް ވާޞިލުވުމުގެ މަގެއްކަމަށް ބަޔާންކުރައްވާ އިސްރާފްނުކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.
އިޤްތިޞާދުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ މާތް ﷲ އިންސާނުންނަށް ޢަދަދު ނުކުރެވޭހާ ގިނަ ނިޢުމަތްތައް ދެއްވާފައިވާކަން ބަޔާންކުރައްވާފައެވެ. ވަކިން ޚާއްޞަގޮތެއްގައި މުދަލާއި ފައިސާއަކީ، އެކަލާނގެ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް މަތިވެރި ނިޢުމަތެއްކަމަށާއި، އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި، ފައިސާ ހޭދަކުރުމަކީ، ސުވަރުގެއަށް ވާޞިލުވުމުގެ މަގެއްކަމަށްވެސް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެހެންކަމުން އެ މުދާ ބޭނުންކޮށް، ހޭދަކުރަންވާނީ މާތް ﷲ އަންގަވާފައިވާ ގޮތުގެ މަތިންކަމަށް ޚުޠުބާގައި ނަސޭހަތްތެރިވެވަޑައިގަތެވެ.
މުސްލިމް އަޚުންނޭވެ! މުދާ ހޭދަކުރުމުގައި އިސްރާފު ކުރުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ކަމެކެވެ. އިސްރާފުކުރުމަކީ ޙަރާމް ކަންތައްތަކަށާއި، ވިޔާނުދާ ކަންތައްތަކަށް ބޭކާރު ގޮތްގޮތަށް މުދާ ހޭދަ ކުރުމެވެ. އަދި ހުއްދަވެގެންވާ ރަނގަޅު ކަންތައްތަކުގައި ވެސް ތިމާގެ އާމްދަނީ އާއި ލިބޭ މިންވަރާ އެކަށީގެންނުވާ ވަރަށް ޚަރަދުކުރުމަކީ އިސްރާފުކުރުމެވެ. އަދި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންތައްތަކަށް ޚަރަދު ކުރުމަކީވެސް އިސްރާފެވެ.
– ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވަނީ ތިމާގެ އާމްދަނީއަށް ނުވަތަ ތިމާއަށް ލިބޭ އެއްޗަކަށް ބެލުމެއްނެތި ޚަރަދުތައް ކުރަމުންދާތަން މިއަދު މުޖުތމަޢުން ފެންނަމަުންދާކަމަށް ވިދާޅުވެފައެވެ. ޒަމާނީ ތަރައްޤީ އާއި ޓެކްނޮލޮޖީގެ މިޒަމާނުގައި، މީހުން ބާޒާރަށް އަލަށް ނުކުންނަހާ އެއްޗެއް ހޯދާކަމަށާއި، ދަރިންގެ ކުޅޭ އެއްޗެހި ވެސް ހަލާކުވުމުގެ ކުރިން ގަނެދޭކަމަށްވެސް ވިދާޅުވިއެވެ. އަނެއް ބަޔަކު، ތިމާމެންގެ ފުދުންތެރިކަމާއި ތަނަވަސްކަން ނެތަސް، މީހުންގެ އަތުން ދަރަންޏަށް ފައިސާ ހޯދައިގެން ނުވަތަ ބޭންކުން ލޯނު ނަގައިގެން ނަމަވެސް، ޟަރޫރަތެއް ނެތް ބޮޑެތި ޚަރަދުތައް ކުރަމުންދާތަން ފެންނަކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެއްކަމަށްވެސް ވިދާޅުވެ ވަނީ މާތް ނަބިއްޔާގެ ވަރަށް ގިނަ ބަސްފުޅުތަކުގައި ސަލާމްޖަހައިގެން އެއްޗެހި ހޯދުމުގެ ނުބައިކަން ބަޔާން ކުރައްވާފައިވާކަން ހާމަކުރައްވާފައެވެ
ތިމާއަށް ލިބޭ އެއްޗަކުން ދިރިއުޅުމުގެ ޚަރަދުތައް ފޫނުބެދޭނަމަ، ކޮންމެހެން ބޭނުންވެއްޖެ ޙާލަތެއްގައި، ތިމާގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަންޏަށް ފައިސާ ނެގުމަކީ ހުއްދަ ކަމެކެވެ. އެހެންނަމަވެސް ދަރަނި އަދާކުރުމަށް އަވަސްވެގަންނަން ޖެހެއެވެ. އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ. އަދި މިދުނިޔޭގައި އޭނާ އުޅެން އޮތް ދުވަސްތަކަކީ މަދު ދުވަސްތަކެކެވެ. އެ މުއްދަތު ހަމަވުމުން އެންމެ ހިނދުކޮޅަކަށް ވެސް ލަހެއްފަހެއް ނުވާނެއެވެ. އެހެންކަމުން އަބަދުވެސް ހުންނަށް ޖެހޭނީ މީހުންގެ ޙައްޤުތައް އަދާކޮށް، މީހުންގެ ދަރަނިތައް އަދާކޮށްގެންނެވެ.
– ހުކުރު ޚުޠުބާ
ޚުޠުބާގައި ވަނީ އިޤްތިޞާދުކޮށް، ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ޚަރަދު ކުރުމަކީ އިސްލާމީ އިޤްތިޞާދުގެ މުހިއްމު އަސާސްކަމަށް ބަޔާންކުރައްވާ، އިޤްތިޞާދުކުރުމަކީ، ޚަރަދުކުރުމުގައި މެދުމިންވަރަކަށް ޢަމަލުކުރުންކަމަށް ވިދާޅުވެފައެވެ. މިއަދުގެ ދުނިޔޭގައި ވެސް، ކުރިއަރާފައިވާ ބޮޑެތި ޤައުމުތައް ކުރިއަރާފައި ވަނީ، އުފެއްދުންތެރިކަމާއި އިޤްތިޞާދުކުރުމަކީ، އެންމެ މުހިއްމު އަސާސްކަމުގައި ބަލައިގެން، މަސައްކަތްކުރުމުގެ ސަބަބުންކަމަށްވެސް ވިދާޅުވެފައެވެ. ކަންމިހެން
އޭގެ އެތައް ޤަރުނެއްގެ ކުރިން، އިސްލާމްދީން ވަނީ އެކަމަށް ގޮވާލާފައިކަމަށް ވިދާޅުވެ ޤުރުއާނުން ދަލީލު ދައްކަވާފައެވެ.
ޚުޠުބާގައި ވަނީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި، އިޤްތިޞާދުކުރުމާމެދު ހޭލުންތެރިކުރުވައި، ޒުވާނުންނަށް އެކަމުގެ ތަރުބިޔަތުދޭން ޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އިސްލާމްދީނުގައި މަސައްކަތްތެރިކަމާއި، ހޭދަކުރުމާއި، އިޤްތިޞާދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްޗަށް ޒުވާނުން ހޭލުންތެރި ކުރުވަންޖެހޭކަމަށް ވިދާޅުވިއެވެ. އެއީ މައިންބަފައިންނާއި، ކަމާބެހޭ މަސްއޫލުވެރިންގެ ދިވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށްވެސް ބަޔާންކުރެއްވިއެވެ. އަދި އެބައިމީހުންނީ، އެކުދިންނަށް ހުރިކަމުގައިވުމީ ވެސް، ނޫންނަމަ ނަތީޖާއެއް ނުފެންނާނެކަމަށާއި، ޚަރަދުކުރުމުގައި މެދުމިންވަރުގައި ހިފެހެއްޓުމަށާއި، އިސްރާފުނުކުރުމަށާއި، އިޤްތިޞާދުކުރުމަށް ދަސްކޮށްދިނުމަށްޓަކައި، އެކުދިންނަށް ނަމޫނާ ވަންޖެހެކަމަށް ވިދާޅުވިއެވެ. އަދިފަހަށް ރައްކާކުރުމަކީ މުހިއްމު ކަމެއްކަން އަންގައިދީ، އެކުދިންނަށް ނަޞޭޙަތްދިނުމަށާއި، އެކުދިންނަށް މަގުދައްކައި، އެކަމަށް އާދަކުރުވަން ޖެހޭކަމެއްކަމަށް ވިދާޅުވެ އިޤްތޞާދުކުރުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.