ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ސެކިއުރިޓީ ދިނުމަށް ރައްޔިތުންގެ މަޖިލީހުން އެމްއެންޑީފްގައި އެދިއްޖެއެވެ.
ޖާބިރަށް ސެކިއުރިޓީ ދިނުމަށް އެދިފައިމިވަނީ އޭނަ މަތިވެރިން ބަޔަކު ހަމަލާ ދިނުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ޖާބިރަށް ސެކިއުރިޓީ ހަމަޖައްސަވައި ދެއްވުމަށް އޭނާ މަޖިލީހުގައި އެދިވަޑައިގެންފައިވާކަމަށެވެ. އެހެންކަމުން ޖާބިރަށް ސެކިއުރިޓި ހަމަޖައްސައިދިނުން އެދޭކަމަށް ވިދާޅުވެފައިވެއެވެ.
މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މެންބަރުން އެދިއްޖެ ހިނދެއްގައި ސެކިއުރިޓި ހަމަޖައްސައިދޭން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ދިއުމުން އޭނާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ވަނީ ދެމީހަކު ހައްޔަރުކޮށްފައެވެ.
ޖާބިރަށް ހަމަލާދިންކަމަށްބުނެ ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އިއްޔެގެ މަޖިލީހުގައި ޖާބިރު ވަނީ މަތިވެރިން އޭނާއަށް ހަމަލާދިނީ އައިއެސް އައިއެސްއަށް ނިސްބަތްވާ ބައެއްކަމަށް ތުހުމަތުކޮށްފައެވެ. މަތިވެރިއަށް ޖާބިރުވަނީ ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު އަރަން މަސައްކަތް ކޮށްފައެވެ. އޭނާ ރަށަށް އަރަން މަސައްކަތް ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށާއި، ކައުންސިލް ބައެއް މެމްބަރުންނަށް އިންޒާރުދީ ހެދުމަށްފަހުއެވެ. ޖާބިރުގެ އިންޒާރުތަކާއި ގުޅިގެން އޭނާއަށް މަތިވެރިއަށް އެރުނަ ނުދިނުމަށް ރައްޔިތުން ވަނީ މަސައްކަތް ކޮށްފައެވެ.
ރައްޔިތުން ހުރަސް އެޅުމުން ޖާބިރު އިންނަން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ. ޖާބިރުވަނީ ހަޑިހުތުރު ބަހުން ރައްޔިތުންނާއި މުޚާތަބުކޮށް އިންޒާރުދީ ހަދާފައެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވީ މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، މަތިވެރީގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލައަކީ ބަލެންޖެހޭ މައްސަލައެއްކަމަށެވެ.