ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، އއ. މަތިވެރިއަށް ދިއުމުން އޭނާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއްގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްއެވެ.
ފުލުހުން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 42 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. މަތިވެރީގައި ހިންގާ 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސްއަކީ ޖާބިރުގެ ވިޔަފާރިއެއް ކަމުން އޭނާ ވަރަށް ގިނައިން އެ ރަށަށް ވަޑައިގަންނަވައެވެ.
ޖާބިރަށް ހަމަލާދިންކަމަށްބުނެ ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އިއްޔެގެ މަޖިލީހުގައި ޖާބިރު ވަނީ މަތިވެރިން އޭނާއަށް ހަމަލާދިނީ އައިއެސް އައިއެސްއަށް ނިސްބަތްވާ ބައެއްކަމަށް ތުހުމަތުކޮށްފައެވެ. މަތިވެރިއަށް ޖާބިރުވަނީ ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު އަރަން މަސައްކަތް ކޮށްފައެވެ. އޭނާ ރަށަށް އަރަން މަސައްކަތް ކޮށްފައިވަނީ އެރަށުގެ ރައްޔިތުންނަށާއި، ކައުންސިލް ބައެއް މެމްބަރުންނަށް އިންޒާރުދީ ހެދުމަށްފަހުއެވެ. ޖާބިރުގެ އިންޒާރުތަކާއި ގުޅިގެން އޭނާއަށް މަތިވެރިއަށް އެރުނަ ނުދިނުމަށް ރައްޔިތުން ވަނީ މަސައްކަތް ކޮށްފައެވެ.
ރައްޔިތުން ހުރަސް އެޅުމުން ޖާބިރު އިންނަން ޖެހުނީ ފުލުހުންގެ ހިމާޔަތުގައެވެ. ޖާބިރުވަނީ ހަޑިހުތުރު ބަހުން ރައްޔިތުންނާއި މުޚާތަބުކޮށް އިންޒާރުދީ ހަދާފައެވެ. މިކަމާއި ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މަތިވެރި ދާއިރާގެ މެމްބަރު ވިދާޅުވީ މަތިވެރީގެ ރައްޔިތުންނާއި ދިމާލަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކައި، މަތިވެރީގެ އެތައް ރައްޔިތުންނަކަށް ދޭންޖެހޭ ފައިސާ ނުދީ އޮތް މައްސަލައަކީ ބަލެންޖެހޭ މައްސަލައެއްކަމަށެވެ.
މަތިވެރީގެ އެންމެ ރީތި ސަރަހައްދުން ގެސްޓު ހައުސް ހިންގަން ޖާބިރުގެ ކުންފުންޏަށް ދީފައިވާއިރު، އެތަނުގެ ކުލި އެތައް ދުވަހަކު ނުދައްކައި، ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭއިރު މިކަން ކަމައިބެހޭ ފަރާތްތަކުން ނުބަލައި އޮތުމަކީ ކަންބޮޑުވުކަމެއްކަމަށެވެ. އޭނާ ވަނީ މިކަން ތަހުގީގްކޮށް މަތިވެރީ ރައްޔިތުންނަށް އިންސާފު ގާއިމްކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
މަތިވެރިން މައުލޫމާތު ދިން މީހަކު ބުނީ ޖާބިރު މަތިވެރިއަށް ދިއުމުން ނުރުހުން ފާޅު ކުރީ މަތިވެރީ ކައުންސިލަށް ދައްކަންޖެހޭ 4.7 މިލިޔަނެއްހާ ރުފިޔާ ކައުންސިލަށް ނުދައްކާ އޮތުމުންނާއި، ރައްޔިތުންނަށް ބިރު ދައްކައި އިންޒާރު ދެމުންދާތީ ކަމަށެވެ. އަދި އޭނާ ވަނީ ރަށަށް އެރުމަށްފަހުވެސް ވަރަށް ބޮޑަށް މަސްލަހަތު ގެއްލޭގޮތުން އެއްވި މީހުންނަށްވެސް އިންޒާރުދީ ހަދާފައިކަމަށެވެ.
ކޮމެންޓު ފޮނުވާ