މެޑަމް ފަޒުނާ ނިއުޔޯކް ސިޓީގެ ކަރޓަރ ބަރޑަން/ލިއޮނަރޑް ކޮވެލޯ އަށް ޒިޔާރަތްކުރައްވައިފި

މެޑަމް ފަޒުނާ ނިއުޔޯކް ސިޓީގެ ކަރޓަރ ބަރޑަން/ލިއޮނަރޑް ކޮވެލޯ އަށް ޒިޔާރަތްކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
23 ސެޕްޓެމްބަރ 2021 08:45
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ނިއުޔޯކް ސިޓީގައި ހުންނަ ކަރޓަރ ބަރޑަން/ ލިއޮނަރޑް ކޮވެލޯ ސީނިއަރ ޕްރޮގްރާމް ހިންގާ މަރުކަޒަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ މި ޕްރޮގްރާމް ހިންގެވުމާ ޙަވާލުވެގެން ތިއްބަވާ ބޭފުޅުންނާ ބައްދަލުކުރައްވައި، މި މަރުކަޒުގައި ދޮށީ ޢުމުރުގެ މީހުންނަށް ކުރިޔަށް ގެންދާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި، ރާއްޖޭގައި މިފަދަ ޕްރޮގްރާމްތައް ހިންގިދާނެގޮތްތަކާ ގުޅޭގޮތުން އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.

ކަރޓަރ ބަރޑަން/ ލިއޮނަރޑް ކޮވެލޯ ސީނިއަރ ޕްރޮގްރާމަކީ ނިއުޔޯކް ސިޓީގައި ދޮށީ ޢުމުރުގެ މީހުންނަށް އަމާޒުކޮށްގެން ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތަކާއި، ހޭލުންތެރިކަމާއި، މުނިފޫހިފުލުވުމުގެ ޙަރަކާތްތައް ހިމަނައިގެން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ 60 އަހަރުން މަތީ މީހުންނަށް ޚާއްޞަކޮށްގެން އާޓް ވަރކްޝޮޕްތަކާއި، ހެލްތް އެންޑް ވެލްނެސް މަންސަތައް ހިމެނޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ. މި މަރުކަޒުން އެހެން އިޖްތިމާޢީ ޖަމާޢަތްތަކާ ގުޅިގެން ޞިއްޙީ ޚިދުމަތްތަކާއި، ހޭލުންތެރިކަމުގެ ވަރކްޝޮޕްތަކާއި، ޞިއްޙީ ކަންކަމާގުޅޭ ލެކްޗަރތައް ދެމުންއާދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.