ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު، ބައެއް ހާލަތްތަކުގައި ހާމަކުރަން ޖެހޭ ގޮތަށް އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭނެފަދަ މާއްދާއެއް ހިމަނާފައިވުމަކީ، ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. ޤާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، "ނޫސްވެރިކަން ކުރުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި، މީގެތެރޭގައި ޚަބަރާއި، މަޢުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަޞްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ."
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަހުސް މަރުހަލާގައި މިހާރު އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެ 2 ހާލަތެއް އިސްތިސްނާ ހާލަތުގެ ގޮތުގައި ހިމަނާފައިވާކަމަށާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން ދެކޭގޮތުގައި، މި މާއްދާ މިގޮތަށް އޮވެ ބިލު ފާސްވެއްޖެނަމަ، ޤާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ނިގުޅައިގަނެވި، މަސްދަރު ހާމަކުރުމަށް މާއްދާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެމްއެމްސީން ބުނެފައިވެއވެެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް ހުރަހެއް އެޅިގެންދާގޮތަށް ޤާނޫނެއް ފާސްވުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ، އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަޤުވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެކަމަށްވެސް ބަޔާނުގައި ބުނެފައެވެ.
އެމްއެމްސީން ބުނީ މިކަމާއި ގުޅިގެން މަޖިލީހުގެ ކަމާގުޅޭ ކޮމެޓީއާ ބަދަލުކޮށް އިސްލާހު ކުރަން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ.