ދިވެއްސަކަށް ދިރިނޫޅެވި – ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހުރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، އދ.ގެ 76ވަނަ އާންމު މަޖިލިހުގައި މިއަދު ދިވެހިބަހުން ތަގުރީރު ކުރައްވަމުންނެވެ.
އާންމު މަޖިލިހުގައި ތަގުރީރު ކުރައްވަމުންރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލާ ތިމާވެއްޓަށް ލިބޭގެއްލުމުގެ އަގު އިންސާނިއްޔަތަށް މާބޮޑު ކަމަށާއި، މިއީ މިއަދުގެ ދިރާސާތަކާ ޢިލްމީ ހަޤީގަތްތަކާ ސައިންޓިފިކް ރައުޔު ހެކިދޭ ކަމެއް ކަމުގައެވެ.
ދިވެހިރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި ދިވެހިބަހުން ތަގުރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އައި.ޕީ.ސީ.ސީ. އިން ދާދިފަހުން އެކުލަވާލާ އާންމު ކޮށްފައިވާ ރިޕޯޓުގައިވާ ގިނަގުނަ ކަންބޮޑުވުންތަކާ އިންޒާރުތަކާ ހަޤީގަތްތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި، އެހެންނަމަވެސް، އެއްވެސް ލެވެލްއެއްގާ އެކަންކަމަށް ދޭންވީ އަހަންމިއްޔަތާ ސަމާލުކަން ނުދެވި އެއީ އިވޭ ހުސް އަޑުތަކެއްގެ ގޮތުގާ ދޫކޮށްލެވިފައިވާ ކަމަގައެވެ.
މި ގޮތުން މި ރިޕޯޓުގައި ހުރި މުހިންމު އެއްކަމަކަށް އަލި އަޅުއްވާލަވަމުން ރައީސް ވިދާޅުވީ، މިދިޔަ 5 އަހަރަކީ 19 ވަނަ ޤަރުނުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ދުނިޔެ ތަހަންމަލުކުރި އެންމެ ހޫނުގަދަ 5 އަހަރު ކަމަށާއި، 1901 ން 1970 އާ ދެމެދަށް އަޅާބަލާއިރު ކަނޑުގެ ލޮނުގަނޑު އުފުލޭ ނިސްބަތް 3 ގުނަ އިތުރުވެއްޖެ ކަމަށެވެ.
އަދި ދުނިޔޭގެ ހޫނުމިނުން 1.1 ޑިގްރީ ސެލްސިއަސް އުފުލިފައި ވާއިރު، އެ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކަންބޮޑުވާންޖެހޭ މާބޮޑު އެހެންކަމެއްވެސް އެރިޕޯޓުގައި ފާހަގަ ކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެއީ ރިޕޯޓްގާ ފާހަގަކޮށްފައިވާ ކަންކަން ހައްލު ކުރުމަށް އިންސާނުންނަށް ވަގުތު ކުޑަތަންވެފައިވާކަމުގެ އިންޒާރު ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ ތަގުރީރުގައި ދުނިޔޭގެ ތިމާވެށީގެ ހާލަތާއި ގުޅޭގޮތުން އިތުރަށް އަލި އަޅުއްވާލަވަމުން ވިދާޅުވީ، ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކާ މިހާރު ޖައްވަށް ބޭރުކުރާ ގަނދަބުޅީގެ މިންވަރު 2030 އާ ހަމައަށް 45 އިންސައްތަ ދަށްކުރަންޖެހޭ ކަމުގައެވެ. އަދި މިއަމާޒަށް ވާޞިލުވެވޭނީ 2050 ގެ ނިޔަލަށް މުޅި ދުނިޔެ ނެޓްޒީރޯ ހާޞިލުކޮށްގެން ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
1.5 ޑިގްރީ ސެލްސިއަސް އާއި 2 ޑިގްރީ ސެލްސިއަސްގެ ތަފާތަކީ މަރުގެ ހުކުމެއް އައުމާ ނައުމާ ދެމެދުހުރި ފަރަގު. އެހެންނަމަވެސް އެއް ހަޤީގަތެއް އެބައޮތް. ކުދި ޖަޒީރާތައް ނެތި ދަނީ މިއަދު އައި ތިމާވެށީގެ ސަބަބަކުން ކަމުގަވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ.
– ރައީސް ސާލިހު ވިދާޅުވިއެވެ.
ކުދި ޖަޒީރާތަކަށް ކުރިމަތިވެފައިވާ ތިމާވެށީގެ ގޮންޖެހުތަކަށް ވަރަށް ތަފްސީލީ ގޮތެއްގައި މި ތަގްރީރުގައި އަލި އަޅުއްވާ ލައްވަމުން ރައީސް ސާލިހު ވިދާޅުވީ، ދުނިޔޭގެ ތިމާވެއްޓަ އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖެއަށް ދެމި ނޯވެވުނު ދުނިޔެއެއްގައި ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ވަކި ދެމި އޮވެވޭނެ ކަމުގެ ޔަގީންކަމެއް ނޯންނާނޭ ކަމުގައެވެ.
އާންމު މަޖިލިހުގައި މެމްބަރު ގައުމުތަކާ މުޚާތަބު ކުރައްވަމުން ރައީސް ސާލިހު ވިދާޅުވީ، ވެށީގެ ގެއްލުންތަކާ އޭގެ ގޮންޖެހުމުން ދުނިޔެއަށް ލިބިދިން ފިލާވަޅުގެ މިސާލީ ވާހަކަ އަކީ ދިވެހިރާއްޖޭގެ ވާހަކަ ކަމުގާ ވުމަށް ރުހިގެން ތިބެވޭކަށް ނެތް ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމަޢުގެ މަދަދާ އެހީއާއެކު 2030 އަށް ނެޓްޒީރޯއަށް ވާޞިލުވުމަށް ރާއްޖެވަނީ އަޒުމް ކަނޑައަޅާފައި ކަމުގައެވެ.