ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔެއަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔެއަށް ރައީސް ގޮވާލައްވައިފި

Author
ހުސެއިން
21 ސެޕްޓެމްބަރ 2021 08:00
0

އދ. އާއި ދުނިޔެއިން ފަލަސްތީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ދުނިޔެއަށް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފަަލަސްތީނުގެ މިނިވަންކަން ބަލައިގަތުމަަށް ދުނިޔެއަށް ގޮވާލާއްވާފައިވަނީ، އދ.ގެ އާންމު މަޖިލިހުގައި ދާދި ދެންމެއަކު ދިވެހިބަހުން ތަގުރީރު ކުރައްވަމުންނެވެ.

އދ. 76ވަނަ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، ދިވެހި ސަރުކާރާ ދިވެހި އެންމެހާ ރައްޔިތުން މިތިބީ ފަލަސްތީނު ރައްޔިތުންނާއެކު ކަމަށާއި، އދ.ގެ އެތައް އަހަރެއްގެ މަސައްކަތުންވެސް ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައްވަނީ ކަށަވަރުކޮށް ނުދެވި ކަމަށާއި، އިސްރާއީލުން ފަލަސްތީނުގެ އަންހެން، ފިރިހެން، ކުދިބޮޑު އެތައް ބައެއްގެ ހައްޤު ތަކުރާރުކޮށް ނިގުޅައިގަންނަމުން ދާކަމުގައެވެ.

އާންމު މަޖިލިހުގައި، ފަލަސްތީނުގެ މައްސަލައަށް އިތުރަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަދުގެ ހޭލުންތެރި ޒުވާން ޖީލުގެ އެތައްބަޔަކު އެތައް ޤައުމަކުން ފަލަސްތީނުގެ ހައްޤުގާ އެނުކުންނަނީ ބޭއިންސާފާ ލާއިންސާނިއްޔަތަށް ނޫނެކޭ ބުނަމުންކަމަށާއި، އދ.ގެ ޢާންމު މަޖިލީހާ ސެކިއުރިޓީ ކައުންސިލުން ފަލަސްތީނުގެ ހައްޤުގާ ނެރުނު ޤަރާރުތަކާ ނިންމުނު ނިންމުންތައް ގިނަ ކަމުގައެވެ.

މަދު އެއްޗަކީ، ޢަމުދުން ނުވެސް ނެތް އެއްޗަކީ ފަލަސްތީނުގެ ހައްގު.

– ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަ ދައުލަތެއް ތަމްސީލު ކުރާ މީހެއްގެ ހައިސިއްޔަތުން މިއަދު އާންމު މަޖިލިހުގެ ޕޯޑިއަމުގައި ހުރެ މިވާހަކަ އެމަނިކުފާނު ދައްކަވަންޖެހޭ ސަބަބެއް އެބައޮތްކަމަށާއި، އެއީ ދުނިޔެއިން ދިވެހިރާއްޖެ ބަލައިގެންފާވާތީ ކަމުގައެވެ.

އެހެންކަމުން ދުނިޔެއިން ރާއްޖެ ފަދަ ކުޑަ ގައުމެއް ބަލައިގެންފައިވާއިރު، މިލިއަނުން އަދަދު މަތި ފަލަސްތީނުގެ ރައްޔިތުން ބަލައިގަތުމުން ދުނިޔެއަށް އުނިވާ އެއްޗަކީ ކޮބައިތޯ ރައީސްވަނި، އާންމު މަޖިލިހުގެ މެމްބަރު ގައުމުތަކާ ސުވާލު ކުރައްވާފައެވެ.

ރައީސް ސޯލިހު ވިދާޅުވީ، އދ. ގެ ޕޯޑިއަމްގައި ހުއްޓިވަޑައިގެން ހުންނަވާ، އެމަނިކްފާނު އެބަޔަކު ތަމްސީލު ކުރައްވާ ދިވެހިން ބޭނުންވަނީ އދ.ންނާއި މުޅި ދުނިޔެއިންވެސް، މިނިވަން ޤައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުން ކަމަށާއި، އެމީހުންނަށް އެމީހުންގެ މިނިވަންކަމާ ހައްޤުތަކާ އިމްތިޔާޒާ އިޚްތިޔާރުތައް ދޫކޮށްލުމަށް ކަމަށެވެ.

ރައީސް މިތަގުރީގައި އެމަނިކްފާނުވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތުކުރުމުގާ ދިވެހިން އަބަދުވެސް ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.