ސިވިލް ސާވިސް މުވައްޒިފުންނަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އޮންނަ އެންމެ ވަރުގަދަ "ލޭބަރ ފޯރސް" އެވެ. އެހެން ގޮތަކުން ދަންނަވަނީނަމަ، އެއީ، ކޮންމެ ގައުމެއްގައިވެސް މުޅި ދައުލަތް ހުއްޓުމަކަށް އަޔަނުދީ، ދުވަހުން ދުވަހަށް ދައުލަތް ހިގަހިގާ އޮންނާނޭކަން ޔަގީން ކޮށްދޭ، ޚިދުމަތުގެ އެންމެ މުހިންމު ފަށަލައެވެ. މި ސަބަބަށްޓަކާ، ސިވިސް ސާވިލް، ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފުންނަކީ، މިނިވަންކަމާއި އެކު ޚިދުމަތްކުރާ، ނުވަތަ މިނިވަން ކޮމިޝަނެއްގެ ބެލުމުގެ ދަށުން ޚިދުމަތްކުރުމުގެ ޖާގަ އެ މުވައްޒަފުންނަށް ނހަނު ފުޅާ ދާއިރާއެއްގައި ލިބި ދީފައި ތިބޭ ބައެކެވެ.
މިގޮތުން، ދުނިޔޭގެ އެހެނިހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް، ސިވިލް ސާވިސްގެ މުވައްޒިފުންގެ ހުރިހާކަމެއް ބަލަހައްޓާ، ޚިދުމަތްތައް ހަރުދަނާކޮށް، އަދި ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅުވެސް އެޅުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ހަވާލުކޮށް، ސިވިލް ސާވިސް ކޮމިޝަން ވަނީ މިނިވަން ކޮމިޝަނެއްގެ ގޮތުގައި ވުޖޫދު ކުރެވިފައެވެ.
އަދި، ދިވެހިރާއްޖޭގެ، ދައުލަތުގެ އެކި މުވައްސަސާތަކުގައި މިއަދުވެސް މަސައްކަތް ކުރަމުންދާ 40 ހާހަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒިފުންގެ ހުރިހާ ކަމެއް ހިގާނުހިގާ ގޮތް ބަލަހައްޓާ، ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކި ކުރުމުގެ އިތުރުން، މުވައްޒިފުންގެ ޝަކުވާތަކާއި، އަދި އެނޫނަސް، ސިވިލް ސާވިސް މުވައްޒިފުންގެ މުސާރައިގެ ކަންކަމާއި، ޕްރޮމޯޝަންތަކާއި ޑީމޯޝަންތަކާއި، މިފަދަ ހުރިހާކަމެއް އިދާރީ ގޮތުންނާއި އަދި ސިޔާސަތުތައް ތަންފީޒުކުރުމުގެ ގިންތިއާ ހަމާގައިވެސް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް މިނިވަން ކޮމިޝަނަކާއި މަތިކޮށް، އަދި އެކޮމިޝަނަށް ގާނުނީ ބާރުތައް ލިބިދީފައިވަނީ، ދިވެހިރާއްޖޭގައިވެސް، ފުރިހަމަ ސިވިލްސަވިސްގެ އޮނިގަޑެއްގެ ދަށުން މުވައްޒިފުންނަށް ޚިދުމަތްކުރުމުގެ ޖާގަ ލިބިދުނުމުގެ މަތިވެރި މަގުސަދުގައެވެ.
އެހެންނަމަވެސް، އިއްޔެވެސް މިއަދުވެސް، ބަދަލުނުވެ އޮތް ހާލަތަކީ ސިވިލް ސާވިސް މުވައްޒިފުންގެ ހާލަތުކަން މިއީ މުވައްޒަފުންގެ މެދުކެޑުމެއް ނެތް ޝަކުވާއެވެ. ދައުލަތުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ތެރެއިން، އެންމެ ކުޑަ މުސާރަ ލިބޭ ބަޔަކަށް އެމުވައްޒަފުން ވެގެން ގޮސްފައިވާ ކަމީ، އެ މުވައްޒަފުންގެ އަބަދުގެމެ ޝަކުވާއެވެ. އަދި، ގާނޫނަކުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީފައި ވިއެއްކަމަކު، އަދި ސިވިލް ސާވިސް މުވައްޒަފުންގެ ބަލަދުވެރި ފަރާތަކީ މިނިވަން ކޮމިޝަނަކަށް ވެގެންދިޔަ ނަމަވެސް، އެ މުވައްޒަފުން އަދިވެސް ސިޔާސީ ފަރާތްތަކާއި ނުފޫޒުގެ ޝިކާރައަކަށް ވެގެންދާކަމީ، އަދި އަދަށް ދާންދެންވެސް ފެންނާން އޮތް ވަރަށް ބޮޑު ހަގީގަތެެވެ.
މުވަޒަފުންގެ މުސާރަ ބޮޑުކުރުން، ހުރިހާ ސަރުކާރެއްގެވެސް ވައުދެއް!
ސިވިލް ސާވިސް މުވައްޒިފުންގެ "ލޭބަރ ފޯރސް"އަކީ 40 ހާސް މީހުންނަށްވުރެ ވަރުގަދަ ލޭބާރ ފޯސްއަކަށް ވުމާއެކު، ދިވެހިއްޖޭގައި ބޭއްވޭ ހުރިހާ އިންތިޚާބެއްގައިވެސް ސިވިލް ސާވިސް މުވައްޒިފުން ވެގެންދަނީ ހުރިހާ ރިޔާސީ ކެނޑިޑޭޓުންނަށްވެސް ވާހަރެއް ކަމުގައެވެ. އަދި ފާއިތުވެދިޔަ ހުރިހާ ރިޔާސީ ކެމްޕޭނެއްގަވެސް، ހުރިހާ ރިޔާސީ ކެނޑިޑޭޓުންވެސް ވަނީ، ސިވިސް ސާވިސް މުވައްޒަފުންގެ ހާލަތު ރަގަޅު ކުރުމަށް އެތަކެއް ވައުދުތަކެއް ވެވަޑައިގެންފައެވެ. މީގެ ތެރޭގައި، މުވައްޒިފުންގެ މުސާރައާއި އަދި މުވައްޒިފުންނަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަންވެސް ފޯރުކޮށް ދިނުމަށް ފާއިތިވެދިޔަ ތަނުގައި ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭންތަކުގައި ރިޔާސީ ކެންޑިޑޭޓުން ވެވަޑައިގެންފައިވާ ވައުދުތައް ގުނާ އަދަދު ކުރެވޭކަށް ނެތެވެ.
މިގޮތުން ފާހަގަވާން އޮތްކަމަކީ، ފާއިތުވެދިޔަ، ރައީސް ޔާމިންގެ ދައުރުގައި ސިވިލް ސާވިސްގެ މުވައްޒިފުންގެ ދައުރު ސިޔާސީ ހަރަކާތްތަކުގައި އިތުރުކުރުމުގެ ގޮތުން، މަސައްކަތު ގަޑި ނޫން އެހެންގަޑިތަކުގައި، ސިޔާސީ ހަރަކާތްތަކުގައި އުޅޭވޭނެ މަގު ފަހިކުރުމުގެ ގޮތުން، ސިވިސް ސާވިސްގެ ގާނޫނަށް ބަދަލު ގެނެވިފައިވާކަމެވެ. އެހެންނަމަވެސް، އޭގެ ބަދަލުގައި، އެ ސަރުކާރުންވަނީ، ކޮންމެ އޮފީހެއްގައިވެސް، ސިވިސް ސަވިސްގެ މުވައްޒިފުންގެ މައްޗަށް ބަސްބުނަން ހުންނަވާ، ނުވަތަ ސިވިލް ސާވިސްގެ މުވައްޒފުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ކޮންމެ އޮފީހަކުވެސް ހުންނަވާ ޒިންމާދާރު ވެރިޔާގެ މަގާމަށް ބޭފުޅަކު ވަޑައިގެންނެވުމުގައި، އެވަގުތަކު ވަޒީރަކަށް ހުންނަވާ ބޭފުޅެއްގެ ރުހުން އޮންނަޖެހޭނެ ކަމަށް ގާނުނީ ގޮތުން ލާޒިމް ކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން، ސިޔާސީ އެއްވެސް ނުފޫޒެއް ނުފޯރާނޭ އުސޫލުން، އަދި ވަކީން ޚާއްސަކޮށް ސިޔާސީ ބޭބޭފުޅުންގެ ދަށުނުވެ މަސައްކަތް ކުރެވޭނެ އުސޫލަކުން މުޅި ސިވިލް ސާވިސް ބައްޓަންކުރުމަށް މިހާތަނަށް ކުރެވިގެންދިޔަ މަސައްކަތްތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން މިއީ ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއެކެވެ.
ދެންއޮތީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ ވާހަކަތަކެވެ. މިއީ ހަގީގަތުގައިވެސް ގިނަ ސިވިލް ސާވަންޓުންނަށް ދައްކާ ކޮޅުން ނުލި ވާހަކައެއްގެ ގޮތުގައި ގިނަ މުވައްޒަފުން މިއަދުވެސް ފާހަގަ ކުރާ ވާހަކައެކެވެ. ސަބަބަކީ، މިއީ ފައިތުވެދިޔަ ތަނުގައި ވެރިކަމަށް ވަޑައިގެންނެވި ހުރިހަ ސިޔާސީ ވެރިންވެސް ވެވަޑައިގެންނެވި، އެހެންނަމަވެސް، ފުއްދާ ދީފައިނުވާ ވައުދަކަށް ވާތީވެސްމެއެވެ.
2008ވަނަ އަހަރު ދިވެހިރާއްޖެ ބަލައިގެންފަ އޮތް ފެހި ގާނޫނު އަސާސީން ކިތަންމެ ފުރިހަމަ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް ރާއްޖެއަށް ގެނެސް ދީފައި އޮތް ނަމަވެސް، އަދި އެއަށްފަހު ހައްގުތަކާއި، އިންސާފާއި އަދި ހިމާޔަތާއި ރައްކާތެރިކަމުގެ ވާހަކަ ސިޔާސީ ފަރާތްތަކުން ކިތަންމެ ވަރަކަށް ދައްކަމުން ދިޔަ ނަމަވެސް، ދިވެހިރާއްޖެ އަދިވެސް ހިމެނިގެން ގޮސްފައިވަނީ، އިޖުތިމާއީ އިންސާފު ނެތް ގައުމެއްގެ ގޮތުގައެވެ. މާނައަކީ ދިވެހިރާއްޖެ ހަގީގަތުގައިވެސް ހިމެނިގެން ދަނީ، ދުނިޔޭގެ ގައުމުތަކުގެ ތެރެއިން، މުސާރައިގެ ހަމަހަމަ ކަމެއް ނެތް، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ތަފާތުކުރުން އޮތް ގައުމުތަކުގެ ތެރޭގައެވެ.
މީގެ އެންމެ ބޮޑު ހެއްކެއް ފެންނާން އޮތީ، ދައުލަތުގެ މުސާރައިގެ ގިންތިތައް މިއަދުވެސް ހަމަޖެހިފައި އޮތް އުސޫލުތަކަށް ރަގަޅަށް ނަޒަރެއް ހިންގާލީމައެވެ. މިގޮތުން ބަލާއިރު، ސިވިލް ސާވިސް މުވައްޒިފުންނަކީ، ހުނަރާއި ތަޖުރިބާ ހުރެގެން މެނުވީ، ވަޒީފާ އަދާކުރެވެން ނެތް ބައެއްކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން، ސިވިލްސާވިސްގެ އެންމެ އާދައިގެ ވަޒީފާއިންފެށިގެން، މި އޮނިގަޑުގެ އެންމެ މަތީގައި އޮންނަ ޒިންމާދާރު ވެރިޔާއާއި ހަމައަށްވެސް މުވައްޒިފަކަށް ވަޒީފާ އަދާކުރެވެން އަންނަނީ، ކަމާގުޅުންހުރި ތަޖުރިބާއާއި ތަމްރީން ލިބި، ސެޓްފިކެޓްވެސް އޮވެމެ، އަދި އެތައް އިމްތިހާނަކުންނާއި އިންޓަވިވްއަކުން ފާސް ވެގެންނެވެ.
އޭގެ ބަދަލުގައި، މިއަދު ސަރުކާރުގެ އޮނިގަޑަށް ބަލާއިރު، ދުވަހަކު ތަމްރީނެއް، އިލްމެއް ހިލްމެއް ލިބިފައެއް ނެތް، އެހެންނަމަވެސް، މަގުމަތީގައި އެންމެ އަޑުގަދަ ކޮށް އުޅެން ކެރޭ މީހާއަށް، ހައިސިއްޔަތުގެ ގޮތުންނާއި، ކުރަންޖެހޭ މަސައްކަތުގެ ގޮތުންނާއި، ލިބޭ ޝަރަފާއި އިއްޒަތުގެ ގޮތުންނާއި އަދި އެއަށްފަހު ލިބޭ މުސާރައިގެ މަގުންވެސް، ސިވިލް ސާވިސްގެ މުވައްޒަފުންނަށްވެސް ފުރިހަމަކޮށް ވަޒިފާ ލިބޭނެ އަދި ވަޒީފާ އަދާކުރެވޭނޭ މަގު މިއަދު ދައުލަތުގެ ތެރޭގައި ގާއިމް ކުރެވިފައި އެބައޮތެވެ. މިގޮތުން ސިވިލް ސާވަންޓުންގެ މައްޗަށް، ދައުލަތާއި ސަރުކާރުގެ އެކި މަގާމްތަކުގައި ގޮތް ކިޔަން މިއަދު ތިބީ، އެ މުއްވައްޒަފުންނަށްވުރެ ހުރިހާ ގޮތަކުންވެސް ދަށް ފެންވަރުގެ ފަރާތްތަކަން މިއީ ޝައްކެއް ނެތް މިންވަރަށް ފެންނާން އޮތް ސާފު ހަގީގަތެކެވެ. އަޚްލާގީ ގޮތުން ބެލިކަމުގައިވި ނަމަވެސް މިހަގީގަތް އޮތީ މިއުސޫލުންނެވެ.
ދައުލަތުގައި ވަޒީފާ އަދާކުރާ 40 ހާހަށްވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުންގެ އެވްރެޖް މުސާރަ މަހަކު 7 ހާސް ރުފިޔާއަށް ނާރާކަމީ، ހަގީގަތުގައި ވެސް ދައުލަތް މިަދު ލަދުވެތި ވާންޖެހޭނޭ ކަމެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި، ދައުލަތުގެ ކުންފުނިތައް ހިމެނޭގޮތުން، މަސައްކަތް ކުރާ އާދައިގެ ސިޔާސީ މުވައްޒަފުންގެ މުސާރައަކީވެސް، ސިވިލްސާވިސްގެ އޮނިގަޑުގައި އެންމެ މަތީ މުސާރަ ލިބޭ ޒިންމާދާރު ވެރިޔާގެ މުސާރައާއިވެސް ނުބައްދަލު މުސާރަކަށް ވެގެން ގޮސްފައި އޮތުމުން، ދައުލަތުގެ ތެރޭގައި އިޖުމާއީ ބޭއިންސާފު އަށަގެންފައި އޮތް މިންވަރު މިއަދު ވަރަށްވެސް ރަގަޅަށް އެބަ ވަޒަން ކޮށްލެވެ.
ކަށިން ހިތްވަރު ނެރެގެން މެނުވީ ހައްލެއް ނެތް!
ސިވިލް ސާވެންޓުން ސަރުކާރަށް ކުރާ ޑިމާންޑުތަކުގެ ތެރޭގައި، ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި، ސެޓްފިކެޓް ހުށަހެޅުމުން ވަޒީފާގެ ކުރިއެރުން ލިބޭގޮތް ހެދުމާއި، މިނިމަމް ވޭޖު އަވަސްކޮށްދިނުމާއި، ސްކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ހަމަޖައްސައިދިނުމުގެ އިތުރުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބޭ ގޮތަށް ސިވިލް ސާވެންޓުންނަށްވެސް ލިވިން އެލަވަންސް ލިބޭނެ ގޮތެއް ހެދުމަށް ޑިމާޑްތަކުގެ ތެރޭގައި ހިމެނެއެވެ.
ސިވިލް ސަރވިސްގައި މަސައްކަތްކުރާ 22،378 މުވައްޒަފުންނަކީ އަސާސީ މުސާރައިގެ ގޮތުގައި 6400 ރުފިޔާއަށްވުރެ ދަށް މުސާރައެއް ލިބޭ މީހުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
މިގޮތުން ބަލާއިރު، ސިވިލް ސަރވިސްގައި މަސައްކަތްކުރާ 44،838 މުވައްޒަފުންގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 6،400 ރުފިޔާއަށް ވުރެ ބޮޑު މުސާރައެއް ލިބެނީ އެންމެ 478 މީހުންނަށްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ސިވިލްސާވަންޓުންގެ މުސާރަ ބޮޑު ކުރުމަކީ މިސަރުކާރުގެވެސް ވައުދަކަށް ވިނަމަވެސް، މިހާތަނަށް އެވައުދު ސަރުކާރުން ފުއްދާދީފައި ނުވާތީ ސިވިލް ސާވަންޓުން މިވަނީ ހިމޭން އިހުތިޖާޖެއް ފައްޓާފައެވެ. މިގޮތުން ސިވިލްސާވަންޓުން ނިންމާފައިވަނީ، ކަޅު ހެދުމުގައި މަސައްކަތަށް ނިކުތުމަށްފަހު މުސާރައަށް ހައްލެއް ނާންނަނަމަ ދެން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑު ކުރުމަށް ނިންމާފައެވެ. އަދި މިހަފްތާގެ އާދީއތަ ދުވަހު ވެލާނާގެއަށް ދިޔަ ގިނަ މުވައްޒިފުން ތިބީ ކަޅު ހެދުމުގައިކަންވެސް ފާހަގަ ކޮށްލެވެއެވެ. މިނޫންވެސް ސަރުކާރުގެ އެކި އިދާރާތަކަށް ވަޒީފާއަށް ދިޔަ ގިނަ މީހުން ވަނީ ކަޅު ގެދުމުގައި ވަޒީފާއަށް ނިކުމެފައެވެ.
މި އިހްތިޖާޖުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވިދާޅުވެފައިވަނީ، ކަޅު ހެދުމުގައި ހިންގި ހަރަކާތުގައި ހުރިހާ ސިވިލް ސާރވަންޓުންވެސް ބައިވެރި ވެފައިވާ ކަމަށާއި، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ސަރުކާރުން ނުނިންމަވާނަމަ، ޖެހިގެން އަންނަ ދުވަސްތައް، ދެން ފާހަގަ ކުރާނީ މުވައްޒަފުން މަސައްކަތު ނުނިކުންނަ ދުވަސްތަކުގެ ގޮތުގައި ކަމުގައެވެ. އަދި އެއަށްފަހުވެސް، މުވައްޒަފުންގެ ޝަކުވާއަށް އެއްވެސް ޙައްލެއް ނާންނަނަމަ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.
ކޮންމެއަކަސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ސިވިލް ސާވިސް މުވައްޒިފުންގެ ޝިކާޔަތުގައި ހަގީގަތްތަކެއް އޮތްތަކެވެ. އެ މުވައްޒަފުންގެ ޝަކުވާތަކުގައި ހަގީގަތުގައިވެސް ކަންބޮޑުވުންތަކެއް ހުރިކަމެވެ. އަދި އެޝަކުވާތަކުގެ އަޑު އަހަންވެސް ޖެހޭކަމެވެ.
ހަމައެއާއެކު ދައުލަތުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒިފުން މިއަދު ގަބޫލުކުރަން ޖެހިފަ އޮތް އެއް ހަގީގަތަކީ، އެއީ އެއީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު "ލޭބަރ ފޯރސް"ކަމެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ތަނުން އިބުރަތެއް ހާސިލްނުކޮށް، އެމުވައްޒަފުންނަށް ކުރިއެރުމެއް ނެތްކަމެވެ. ނުރޯ ދަރިއަކަށް ކިރެއް ނުލިބޭނެއޭ ބުނާ ބީދައިން، ކަށިން ހިތްވަރު ކޮންގެން މެނުވީ، ކާމިޔާބެއް ނެތަކްމެވެ.