ހައިކޯޓަށް ހުށަހަޅާ މައްސަލަތައް ބެލުމަށް އަބަދުވެސް ފޮނުވަނީ އެއް ފަނޑިޔާރަކަށް ކަމަށާއި، އެއީ އިއްޔެއަކު މިއަދަކު ވާކަމެއް ނޫންކަމަށްބުނެ ޤާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ރައްދެއް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ދެއްވައިފިއެވެ.
ހައިކޯޓުގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތަކަށް، ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ނުފޫޒު ފޯރުވާކަމަށްބުނެ ނާޒިމް ކޮށްފައިވާ މެސެޖްތަކެއް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ހާމަ ކުރައްވާފައެވެ.
މިމެސްތަކާއި ގުޅިގެން ނާޒިމް ވިދާޅުވެފައިވަނީ އެ މެސެޖަކީ އޭނާ ހައި ކޯޓުގެ ރެޖިސްޓްރާއަށް ފޮނުއްވި މެސެޖެއް ކަމަށާއި އެ ފަދައިން އެދިލެއްވި ކަމަށެވެ. އަދި އެގޮތަށް އެދިލެއްވީ، ހުށަހަޅާ މައްސަލަތައް އަބަދުވެސް އެއް ފަނޑިޔާރަކާ ހަވާލު ކުރާތީ ކަމަށެވެ. ނާޒިމް ވިދާޅުވީ އޭނާގެ މައްސަލަތައް ވަކި ފަނޑިޔާރަކަށް ހަވާލު ކުރުމަކީ ޝުޖާއު އުސްމާނު ހައިކޯޓުގައި އުޅުއްވި ޒަމާނުން ފެށިގެންވެސް ކަން ހިނގާގޮތް ކަމަށާއި، އެކަން އެނޫން ގޮތަކަށް ވުމަށް ދެންނެވުމަކީ މައްސަލައެއް ނޫންކަމަށެވެ.
ޝުޖާއު އުސްމާނު. މަނިކުފާނު ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުރި އިރުއްސުރެއް އަޅުގަނޑުގެ މައްސަލަތައް ފޮނުވަނީ ވަކި ފަނޑިޔާރަކަށް. މިހާރު ދެން ފަނޑިޔާރުކަމުން ވަކިކުރީމާ ކޮން ކޮހެއް ތިގޮވަނީ؟
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ސައްތާރަކީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ޤާނޫނީ ޓީމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅާއެވެ.
ޖުޑީޝަރީގެ ތެރެއަށް ސަރުކާރުގެ ނުފޫޒު ގަދަ ފަރާތްތަކުން ވަންނަމުންދާކަމަށް މީގެ ދެހަފްތާއެއް ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައިވެސް ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޖުޑީޝަރީގެ ތެރޭގައި ކަންކަން ހިނގަމުންދަނީ ސަރުކާރުގެ ތެރޭގައި ތިއްބެވި ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމަށާއި، ޖުޑީޝަރީ މިނިވަން ކުރުމުގެ ބަދަލުގައި ބޭނުންވާ ގޮތަކަށް ހުކުމްތައް ކުރުމަކީ އެފަދަ ނުފޫޒު ގަދަ ފަރާތްތަކުގެ އަމާޒުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ޖުޑީޝަރީއަށް އަތްބާނާކަމަށް ބުނާ ވާހަތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. އަދި ބުނެފައިވަނޫ އެފަދަ ނުފޫޒެއް ސަރުކާރުން ނުފޯރުވާކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ބޭފުޅަކު ޝަރީއަތަށް ނުފޫޒު ފޯރުވާނަމަ އެކަމެއް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށެވެ.
One Response
ކީއްވެތޯ ވަކި ފަނޑިޔާކަށް ފޮނުވަން ޖެހެނީ . ޓިބާގެ ކޮޮޅަށް ނިންމައި ދޭނެތީ ތޯ ސުވާލު އުފެދޭ ކަންތައް އަމިއްލައަށް ތިޔަ އިއުތިރާފް ވެވުނީ ދޮއްތަ.