ދިވެހިން ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގައި އެންމެ އާންމުކޮށް އިވެމުންދާ އަޑަކީ ހައްގުގެ ތަކުގެ ވާހަކަތަކެވެ. ޑިމޮކްރަސީގެ ވާހަކައާއި، ޖަވާބުދާރީ ކުރުވުމުގެ ވާހަކައާއި، އަދި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ވާހަކަތަކެވެ. އަދި ހަމައެއާއި އެކު، ކޮރަޕްޝަން ނައްތާލުމުގެ ވާހަކަތަކާއި، ވަޒީރުން ޖަވާބުދާރީ ކުރުވުމުގެ ވާހަކައާއި، އަދި މިނޫނަސް، ދުލުން ބުނެލަން ވަރަށް ފަސޭހަ، އަދި ކަންކަމުގައި ތިމާމެންނަށް މެޑަލް ޖަހާލެވިދާނެ ހުރިހާ ބާވަތެއްގެ ވާހަކަތަކުން ބަސްބުނެ، "މޮޅެތި ވާހަކަ" ދެއްކުން ރާއްޖޭގެ ސިޔާސީ މަސްރަގުގައި މިވަނީ އާންމު ކަމަށްވެގެން ގޮސްފައެވެ.
އަދި ހަމައެއާކު، ސިޔާސީ ގޮތުން އިސްބައެއް ފަރާތްތަކުން މިގޮތުން ދައްކަމުންދާ ވާހަކަތަކުގެ ޝިކާރައަކަށް، އެއްވެސް ކުށެއް ނެތް އެތައްބަޔަކުވެ، އަދި އަނެއްބައެއްގެ މަގާމުތައް ގެއްލި، ހަގުތަކުން މަހްރޫމުވެ، އަދި ނާއިންސާފުން އެތައް ބަދުނާމުތަކެއްވެސް ކޮނޑުގައި އެޅި، މުޖަމައުގައި ދިރިއުޅެއް އުދަގޫވާ ހާލަތުތައް ބައެއް ފަރާތްތަކަށް ކުރިމަތިވެގެން ގޮސްފައިވާ ކަމީވެސް، މިއަދު ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.
މިނިސްޓަރުންނަށް ކުރިން ފާޑުކީ ފަރާތްތަކުން މިއަދު ހަނު!
2018ވަނަ އަހަރު ރައީސް އިބުރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، ކޯލިޝަންއަކާ އެކުގައެވެ. އެއީ އޭރު ވެރުކަމުގައި އޮތް ޕީޕީއެމްގެ ވެރިކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދިޔަ ޕާޓީތަކާއެކީ ކޯލިޝަނެއް ހައްދަވައިގެންނެވެ. މިގޮތުން މި ކޯލިޝަން ވެރިކަމަށް އައީ ސިޔާސީ މަގާމްތަކާއި އަދި ކެބިނެޓްވެސް ބަހާނޭ އުސޫލުތައް ކަރުދާހުގައި ލިޔެ ބަޔާންކޮށް، ކޯލިޝަންގެ ވެރިންގެ މަންދޫބުން މި ލިޔުންތަކުގައި ސޮއިވެސް އަޅުއްވައިގެންނެވެ.
ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑަށް ފާހަގަ ވެގެންދިޔަ ކަމަކީ، ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށިގެން ދިޔައީ، ކެބިނެޓްގައި، ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކުންވެސް ވަޒީރުން ތިއްބަވައިގެންނެވެ. ޖުމްލަކޮށް ވަރަށް ޒުވާން ވަޒީރުންގެ ކެބިނެޓަކާ އެކީއެވެ.
އެހެންނަމަވެސް، މި ޒުވާން ކެބިނެޓާއެކީ އަމާން ކަޑެއްގައި ރައީސް ސޯލިހަށް ދަތުރު ކުރެވޭ ވަރުވީ އަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. ކެބިނެޓްގައި ތިއްބެވި އެމްޑީޕީ ނޫން އެހެން ހުރިހާ ވަޒީރުންނަށް ކަހަލަގޮތަކަށް އެމްޑިޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ފާޑުކިއުން އަމާޒުވާން ފެށިއެވެ.
މީގެތެތެރޭގައި އެންމެ ފުރަތަމަ އެންމެ ބޮޑު ފާޑިއުކިއުމެއް އަމާޒުވާންފެށީ އަދާލަތު ޕާޓީގެ ފަރާތުން މިސަރުކާރުގެ ޖެންޑަރ މިނިސްޓަރުކަމަށް ވަޑައިގެންނެވި، ޝިދާތާ ޝަރީފަށެވެ. މިގޮތުން ފާހަވެގެންދިޔަ އެންމެ ބޮޑު ތަފާތަކީ، ރާއްޖޭގައި އަނެކުންގެ އިހުމާލުން ހިގައިގެންދާ، ޖެންޑަރ މިނިސްޓްރީގެ އިހުތިސާސްތަކުގެ ތެރޭގައި ހިމެނިގެންދާ ހުރިހާ ކަމެއްގެ ޒިންމާވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ޝިދާތާ ޝަރީފްގެ ބޮލުގައި އަޅުވަމުންދިޔަ ދިއުމެވެ.
ކުއްޑަކުދިންނަށް ލިބެމުންދިޔަ ޖިންސީ އަނިޔާތަކުގެ ޒިންމާތަކާއި، ކުޑަކުދިންގެ ހިޔާގައި ހިގަމުންދިޔަ ހުރިހާ ހާދިސާތަކާއި، ގެވެށިއަނިޔާތަކުގެ ޝަކުވާތަކާއި، މިހެންގޮސް މިފަދަ ހުރިހާކަމެއްގެ ޒިންމާތަކެއް ކަހަލަ ގޮތަކަށް، އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި އަދި އެޕާޓީގެ ސިޔާސީ އިސް ގިނަ ފަރާތްތަކުން ސިފަކުރަމުން ގެންދަވާފައިވަނީ އޭރު ޖެންޑަރ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފް އިހުމާލުގެ ގޮތުގައެވެ. 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިނަސް އެކަމުގެ އިހުމާލުވެސް ޝިދާތާ ނަގަންޖެހޭނޭ މޭރުމުން އޭރު އެމްޑީޕީގެ ގިނަ މެމްބަރުންވަނީ ޝިދާ ޝަރީފަށް ފާޑުކިއުން އަމާޒު ކޮށްފައެވެ.
އަދި އެންމެފަހުން ފެނިގެން ދިޔައީ، ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖީހަށް ވައްދާ، މަގާމުން އިސްތިއުފާ ދިނުން އޭނާއަށް މަޖުބޫރުވެގެން ދިޔަ މަންޒަރެވެ.
އެހެންނަމަވެސް، ޝީދާތާ މަގާމުން އިސްތިއުފާ ދެއްވިތާ 2 އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައީއެވެ. ޖީންސީ އަނިޔާގެ މައްސަލަތަކަށް ރާއްޖޭގައި ވަކީން މަދުވެގެން ގޮސްފައިވާތަނެއް ފެންނާކަށް ނެތެވެ.
މީގެ އިތުރުން، ހުޅުމާލޭގައި ހުންނަ "ފިޔަވަތީ"ގައި އެތައް މައްސަލަތަކެއް ތަކުރާރުކޮށް ފެންމަތިވަމުން ދަނީ ގޮސްފައެވެ. ފާއިތުވެދިޔަ ތަނުގައި މިމައްސަލައަށް އެއްވެސް ހައްލެއް ފެނިގެން ގޮސްފައި ނުވަނިކޮށް، "ފިޔަވަތި" ގައި ތިބި ކުދިންތައް އެތަނުގެ ފުރާޅަށް އަރާ ތަންތަނަށް ގެއްލުންދީ ތަނުގައި މިވަނި ހުޅުވެސް ޖަހާފައެވެ.
މިގޭ އިތުރުންވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައިވެސް ވަނީ ތަކުރާރުކޮށް އަލިފާނުގެ ހާދިސާތައް މިއަހަރުގެ ތެރޭގައިވެސް ހިގައިގެން ގޮސްފައެވެ. މިގޮތުން މިއަހަރުގެ ޖުލައި މަހާއި ހަމައަށް، ހިޔާގައި ޖެހިޖެހިގެން، 3 މަހު، ކޮންމެ މަހަކުވެސް އަލިފާނުގެ ހާދިސާތައް ހިގާފައި އެބަހުއްޓެވެ. އެގޮތުން މޭ މަހުގެ 4 ވަނަދުވަހު ހިޔާގެ ފުރަތަމަ ފަންގިފިލާގައި، އަދި ޖޫން މަހުގެ 6 ވަނަ ދުވަހު ހިޔާގެ ދެވަނަ އިމާރާތުގެ އެންމެ މަތީގައި ހުރި ގުދަނެއްގައި ވަނީ އަލިފާނުގެ ހާދިސާ ހިނގާފަ އެވެ. އަދި ޖުލައިމަހުގެ 29ވަނަ ދުވަހުވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގަ އަލިފާނުގެ ހާދިސާއެއް ހިގާފައި ވެއެވެ.
އެހެންނަމަވެސް، މިއަދު މިމައްސަލަތަކުގެ ވާހަކަ ދައްކާނޭ މެމްބަރެއް، ސިޔާސީ އިސްފަރާތެއް، އެމްޑީޕީގެ އިސްވެރިއަކު ފެންނާކަށް ނެތެވެ. އެންމެވެސް ތިބީ ފުރިހަމަ ވަރިހަމައިން ވަރިހަމަ ކޮށްގެންނެވެ.
ވަޒީރުންނަށް ކީހާ ފާޑު ކިއުމެއް، ފަރިއްސަވެ ނިމިއްޖެ!
ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިސްތިއުފާއަށްފަހު، ޖެންޑަރ މިނިސްޓްރީގެ ދާއިރާއިން، ފާއިތުވެދިޔަ 2 އަހަރެއްހާ ދުވަހު ތަކުރާރުކޮށް ފެންމަތިމަވަމުން ދިޔަ އިހުމާލުތަކާމެދު ވަރިހަމަ ކޮށްގެން، އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ތިއްބެވިއިރު، ރައީސް ސޯލިހުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ އެހެން ގިނަ ވަޒީރުންނާ ދޭތެރޭވެސް އެމްޑީޕީގެ ބައެއް އިސްވެެރިންނާ އަދި މަޖިލިސް މެމްބަރުން ގެންގުޅެފައިވަނީ ތަފާތުކުރުމާއި، ބޭއިންސާފުން ފުރިފައިވާ ތައްސުބެއްކަން ފާހަގަ ކޮށްލެވެން އެބައޮތެވެ.
މިގޮތުން ކުރީގެ މިނިސްޓަރު އަބުދުﷲ އަމީން ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އިރު އޭނާ މަޖިލިހަށް ހާޒިރުކޮށް، އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުންނާއި އަދި މަޖިލިސް ރައީސް އޭނާއަށް އަމާޒުކޮށް ސިޔާސީ ގޮތުން އެތަކެއް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވާއިރު، އޭނާ ގާނޫނު އަސާސީއާއި ޚިލާފްވެފައިވާ ކަމަށް ވިދާޅުވެ މަޖިލިސްރައީސް ނޫސް ބަޔާންތައްވެސް ނެރުއްވާފައިވެއެވެ. އަމީންވެސް އިސްތިއުފާ ދެއްވާފައިވަނީ، މަޖިލިސްމެމްބަރުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލިހަށް ވައްދަން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ.
އެހެންނަމަވެސް، ކޯވިޑް ކާރިސާގެ ތެރޭގައި ހެލްތު މިނިސްޓްރީގެ އިހުމާލު އެތައްކަމެއްގައި އޮތްކަމަށް އެތައް ބަޔަކު ކުރަމުންދާ ތުހުމަތުތަކާ ގުޅޭގޮތުން އެންޑީޕީގެ ގިނަ މަޖިލިސް މެމްބަރުން ތިއްބެވީ ހަނުއެވެ. އުމުރުން 10 އަަރުގެ ކުއްޖަކު ކޯވިޑްގައި ނިޔާވެ ދިއުމުގެ މައްސަލައެއްގައި ވިއިހުމާލުގެ ޒިންމާ ހެލްތު މިނިސްޓްރީން ނަގަންޖެހޭ ކަމަށް އެތައް ބަޔަކު ވަކާލާތު ކުރަމުން ދިޔަނަމަވެސް، ކުރީގެ މިނިސްޓަރަށް މެދު ނުކެޑި ފާޑު ކިޔަމުންދިޔަ އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ބައެއް އިސްވެރިން މިއަދު ތިއްބެވީ ހަނުއެވެ.
ހަމަ އެފަދައިން، ކޯލިޝަން ވަޒީރުކަމުގައި، އޭރު ޖުމުހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހު ޖަމާލްއާއި ދޭތެރޭވެސް ހަމަ މިބީދައިން އަމަލު ކުރެވިގެންދިޔަ މަންޒަރު ފެނިގެން ދިޔައެވެ. ސާބިތު ހެއްކެއް ނެތި، މަޖިލިހަށް އޭނާގެ ނޯކޮންފިޑެންސް މޯޝަނެއް ހުށަހެޅި، އޭނާ މަގާމުން ވަކިކޮށްފައިވަނީ މަޖިލިސް މެމްބަރުން ވޯޓުންނެވެ.
އެއަށްފަހު ދެން ފެނިގެންދިޔައީ އެމްއާރުއެމް ފަރާތުން ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވި ޒަހާ މަގާމުން އިސްތިއުފާ ދެއްވި މަންޒަރެވެ. މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެތައް ކަމެއް ބޮއްސުން ލައިގެން ގޮސްފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި އެތައްބަޔަކު ގެންދެވީ ޒާހާއަށް މެދުނުކެޑި ފާޑު ވިދާޅުވަމުންނެވެ. އިސްތިއުފާއަށްވެސް ގޮވަމުންނެވެ. މަޖިލީހަށް ޒަހާ ހާޒިރުކޮށް، އޭނާއަށް ބޮޑެތި އެތަކެއް ފާޑުކިއުންތަކެއް އަމާޒު ކޮށްފައި ވެއެވެ. އެންމެ ފަހުން ޒަހާވެސް އިސްތިއުފާ ދެއްވީއެވެ.
ޒަހާ މަގާމުން ދުރަށް ވަޑައިގެންނެވުމަށްފަހު، ފިޝަރީޒްގެ ދާއިރާއާއި ގުޅުންހުރި މައްސަލަތަކުގެ ވާހަކައެއް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވާ އަޑެއް މިއަދު އިވޭކަށް ނެތެވެ. އެހެންނަމަވެސް މަސްވެރިންގެ ޝަކުވާތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ. މަސްވެރިކަމާ ދަނޑުވެރިންކަމާއި ގުޅުންހުރި ބޮޑެތި މައްސަލަތަކަށް އައި މާބޮޑު ބަދަލެއް އައިސްފައިވާ ތަނެއް ފެންނާކަށް ނެތެވެ.
އެމްއާރުއެމްގެ ފަރާތުން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އާތިފާއަކީވެސް، ހަމަ މި ބީދައިން އެމްޑިޕީގެ ބައެއް މަޖިލިސް މެމްބަރުންގެ ފާޑުކިއުން އަމާޒުވެގެންދިޔަ އެއްވަޒީރެވެ. އާތިފާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ބޯހިޔާވަހި ކަމާގުޅޭގޮތުން އެމްޑީޕީގެ އިސް ބައެއް ވެރިންގެ ފާޑުކިޔުންތަކަށް ވަނީ މުޅިހެން ކަހަކަލަ ގޮތަކަށް ހުއްޓުމެއް އައިސްފައެވެ.
ހަމަ މި ބީދައިން، އަދިވެސް ކޯލިޝަން ސްލޮޓްގައި ހުންނެވި ވަޒީރެއް ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާން މަގާމުން ދުރުކުރުމަށް މަޖިލިސް ރައީސް ނަޝީދާއި، ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ މެދު ނުކެޑި މަސައްކަތް ކުރައްވަމުންނެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މައްޗަށްވެސް ކޮރަފްޝާނާއި ނުފޫޒު ފޯރުވުމުގެ އެތައް ތުހުމަތެއް ކުރަމުންދާއިރު، މަޖިލިސް ރައީސްއާއި، މަޖިލިސް ރައީސްގެ ފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވަމުން ގެންދަވަނީ، ރައީސް އޮފީހުގައިވެސް ތިއްބެވި، އޭނާ ފިޔަވާ އެމްޑީޕީއަށް ނިސްބަތްވާ އެެހެން ހުރިހާ ބޭފުޅުންނަކީ ފުރިހަމަ ތެދުވެރީން ކަމުގައެވެ. ކުށެއް ނުކުރާނެ ކަމުގައެވެ. ކޮރަޕްޝަނާއި ނުފޫޒް ފޯރުވުމުގެ އެއްވެސް އަމަލެއް ނުހިންގާނޭ ކަމުގައެވެ. ކުރެވެމުންދާ ހުރިހާ ތުހުމަތެއްގެ ޒިންމާ އުފުއްލަވަން ޖެހޭނީ އޭނާ ގިނިކަންޏާކަމުގައެވެ.
މާޒީން ހާސިލްކުރެވުނު އިބުރަތެއް ނެތް!
ގިނަ ފަރާތްތަކުން ބުނަމުންދާ ގޮތުގައި ފާއިތުވެދިޔަ ތަނުގައިވެސް އެމްޑީޕީ ކޯލިޝަން ވެރިކަމެއް ކޮށްފައިވާއިރު، މި ކޯލިޝަން ވެރިކަމުގައިވެސް ކަން ހިގަމުންދަނީ އެ ކޯލިޝަން ވެރިކަމުގައިވެސް ކަން ހިގާފައިވާ ގޮތަށެވެ. ވެރިކަމަށް އައުމަށް ކޯލިޝަން ހެދުމަށްފަހު، ވެރިަކން ލިބުމާއެކު ކޯލިޝަން ބައިވެރިން ދުރަށް ލުމެވެ. ކޯލިޝަން ވަޒީރުން ދުރަށް ލުމަށްފަހު، މުޅި ކެބިނެޓް ޕާޓީގެ ވަޒީރުންގެ ކެބިނެޓަކަށް ހެދުމެވެ. ކެބިނެޓްގައި ތިބޭ ކޯލިޝަންގެ ވަޒީރުންނަށް ނޭވާ ލުމުގެ ފުރުސަތު ލިބުނަ ނުދިނުމެވެ. އެމްޑީޕީގެ ފަރާތްތަކަށް ހެދޭ ގޯސްތަކަށް ދެލޯ މަރާލުމަށްފަހު، ކުށްވެރިންނަކީ އެހެން ޕާޓީތަކުގެ ވަޒީރުންނާއި، އެހެން ޕާޓީތަކުގެ މެމްބަރުން ކަމުގައި ލޭބަލް ކުރުމުވެ.
ގައުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގިޔަސް، ވައްކަމެއް ހިގިޔަސް، އިހުމާލެއް ވިޔަސް، އަދި އެނޫން ބަދުނާމެއް އޮތަސް އެއީ، އެހެން ޕާޓީތަކުގެ މެމްބަރުންގެ ޒިންމާއެއް ކަމުގައި ހެދުމެވެ.
ކޮންމެއަކަސް މިހަގީގަތް މި ގޮތުގައި އޮތަސް، އެމްޑީޕީގެ ކުރީގެ ކޯލިޝަން ވެރިކަމާ މިވެރިކަމާ އަޅާބަލާއިރު، މި ކޯލިޝަނުން އަދި ފެންނާން އޮތް ވަރަށް ބޮޑު އެއް ތަފާތު އޮތް ކަމުގައި ގިނަބަޔަކު ގަބޫލުރަމުން ދެއެވެ. މިގޮތުން ގިނަބަޔަކު ފާހަގަ ކުރާ އެއްކަމަކީ، ޒާތީ ތަޢައްސުބުގައި ވަޒީރުންނަށް ފާޑުކިޔަމުން ދިޔަ ފަރާތްތަކުން، މިއަދު ހަނު ތިއްބެވި ނަމަވެސް، މިހިރުހާ ގޮންޖެހުންތަކާއި، ތަފާތުކުރުން ތަކާއި، ޒާތީ ތައްޒުބާއެކުވެސް، މިކޯލިޝަން ނުރޫޅި އަދި ދެމިއޮތް އޮތުމެވެ. ކޯލިޝަން ދެމެހެއްޓުމުގައި އިސް ލީޑަރެއްގެ ގޮތުގައި ރައީސް ސާލިހު ދެމިހުންނަވާ ހުންނެވުމެވެ. އެމްޑީޕީގެ އެތެރެއިން ކޯލިޝަން ރަސްމީކޮށް ރޫޅާލުމަށް ކުރެވެމުންދާ މަސައްކަތުގައި އަދި ހަގީގީ ކުލަ ޖެހިގެން ގޮސްފައި ނުވާ ނުވުމެވެ.