ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސިޔާސީ ނުފޫޒާއި، ބާރުވެރިކަން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކިބައިން އަތުލުމަށް ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
އަވަސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ރައީސް ޞާލިހަކީ ރަައްޔިތުންނާއި ގާތް ބޭފުޅެއްނޫން ކަމަށާއި އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވަނީކަމަށެވެ. ނަމަވެސް ރައީސް ޞާލިހަކީ ރައްޔިތުންގެ ތާއީދާއި ލޯބި އޮތް ބޭފުޅެއް ނޫންކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު ހުންނެވި މަގާމަށް ރައީީސް ސޯލިހަށް ވަޑައި ނުގެންނެވޭނެ ކަމަށެވެ. އެއީ ހަމަހަމަ ދެ ބޭފުޅުން ނޫން ކަމަށާ އެއީ އަޅާ ކިޔޭނެ ދެ ބޭފުޅުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީގެ އެތެރޭގައި ސިޔާސީ ވާދަވެރިކަން ބޮޑުވެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އިންތިޚާބު މި މަހުގެ 25 ގައި ބާއްވާނެއެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ އިންތިޚާބެވެ.
ބޮންޑެ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ނަޝީދުގެ ނުފޫޒު އެމްޑީޕީގައި ކުޑަ ނުވާނެ ކަމަށާއި އެ އުންމީދުގައި ތިއްބެވި ބޭފުޅުން އިތުުރު 20 އަހަރު ތިއްބަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ސިޔާސީ ނުފޫޒަކީ ރައްޔިތުންގެ އިތުބާރުގެ މައްޗައް ބިނާވެފައި އޮންނަކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުއާއި ރައްޔިތުންނާއި އޮތީ ހިތާހިތުގެ ގުޅުމެއްކަމަށެވެ. އަދި އެ އިތުބާރު އޮތް އެއްވެސް ލީޑަރެއް މި ރާއްޖެއިން އަދި ނުދެކޭ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ރައީސް ނަޝީދާއި ރައީސް އިބޫ ސޯލިހާ އަޅާ ނުވެސް ކިޔޭނެ ދެއްތޯ. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ އެހާ ގާތް ބޭފުޅެއް ނޫން. އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވާނެ.
– ބޮންޑެ ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ފެންނަނީ ތާއީދު ނޫން ކަަމަށް ވެސް ބޮންޑޭ މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުބޫލުކަން ދެއްކެވުމަށް ރައީސް ކުރައްވާ ޓްވީޓްތަކަށް ލައިކު ކުރުމާއި ރި-ޓްވީޓް ކުރާ ބަޔަކު ތިބުމަކީ ތާއީދެއް އޮތުން ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް މަޖުބޫރުން ހިނގާ ކަންކަން ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީގައި ދެފެކްޝަނެއް އުފެދިފައިވާއިރު ބޮންޑޭ ފެނިގެންދަނީ ރައީސް ނަޝީދަށް ތާއިދުކޮށް ރައިސް ޞާލިހަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔާ މެމްބަރެއްގެ ގޮތުގައެވެ. ބޮންޑެ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދުގެ ނުފޫޒު ކަނޑުވައި ނުލެވޭނެ ކަމަށެވެ. އަދި ބާރު އޮވެގެން ގައުމީ މަޖިލީހާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މެޖޯރިޓީ ނެގުމަކީ ގުރާސްރޫޓްގެ ތާއީދު ލިބޭނެ ކަމެއް ނޫން ކަމަށެވެ.
One Response
ތިޔާބުނާ ނަސީދުއަށް ތާއީދު އޮތްޒަމާން ފާއިތުވެ ގޮއްސި