މަސްތުވަތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއިން އަނބިދަރިންނަށް ކާން ދެވެނީ އަލިފާން: ޚުޠުބާ

މަސްތުވަތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއިން އަނބިދަރިންނަށް ކާން ދެވެނީ އަލިފާން: ޚުޠުބާ

ގުޅުންހުރި

މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއިން ތިމާ އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ދެވެނީ ކަނޑައެޅިގެން އަލިފާންކަމަށާއި، ޙަރާމް ތަކެތި ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާވެގެންވަނީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ގޮވާލާ މިއަދު ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާގައި ވަނީ މީސްތަކުންނަށް ފައިދާހުރި ރަނގަޅު އެންމެހައި ތަކެތި ﷲ ޙަލާލު ކުރެއްވިކަމަށާއި، ގެއްލުންހުރި ނުބައި އެންމެހައި ތަކެތި ޙަރާމް ކުރެއްވިކަމަށް ބަޔަންކުރައްވާފައެވެ. އިންސާނާއަށް ބުއްދި ދެއްވާފައިވަނީ ވިސްނައި ފިކުރު ކުރުމަށްޓަކައިކަމަށާއި، ހެވާއި ނުބައި ވަކިކޮށް ދެނެގަތުމަށްޓަކައިކަމަށް ޚުޓުބާގައި ވިދާޅުވިއެވެ. ހުކުރު ޚުޠުބާގައި ވަނީ ﷲ އަންގަވާފައިވާ ގޮތަށް ހެޔޮގޮތުގައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފާ މީހާގެ ދަރަޖަ ﷲގެ ޙަޟްރަތުގައި ޖަނަވާރުންގެ ދަރަޖައަށްވުރެ ވެސް ދަށުދަރަޖައަށް ވެއްޓިގެން ދާކަން ޤުރްއާނުގައި ﷲ ވަނީ ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އިސްލާމް ދީނުގައި ބުއްދިއަށް ރައްކާތެރިވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުންކުރާ މީހާ ހަމަބުއްދިން އެއްކިބާ ކޮށްލާ އެއްޗެއްކަމަށާއި، ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދާކަމަށްވެސް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް މަގުފަހި ވެގެން ދާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.

ލޮބުވެތި ޢިއްޒަތްތެރި މުސްލިމު އަޚުންނޭވެ! މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި، މަސްތުވާ ތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް ޢާއިލާއެއް މަދެވެ. މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމަށް ޚާއްޞަ ކެފޭތައް ސިއްރިޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ޙަޤީޤަތެކެވެ. މައިންބަފައިންނާއި، އަނބިދަރިންގެ ކަރުނަ ފޮހެދީ ކާއެތިކޮޅު ފޯރުކޮށްދޭން ޖެހޭ އަތްތަކުން ކާއެތިކޮޅަށް ހޭދަކުރަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދާލައި، ހިފާގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވިއްކައި ހުސްކުރަނީއެވެ. އަދި އަނބިދަރިން ޙިމާޔަތް ކުރަންޖެހޭ އަތްތަކުން އެބައިމީހުންނަށް އަނިޔާއާއި ގޯނާ ކުރުމުގައި ޙައްދުފަހަނަޅައި ދަނީއެވެ. މުޖުތަމަޢުގައި ހިނގާ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާ ތަކެތީގެ ބޮޑު ދައުރެއް އޮންނަ ކަމީ ޙަޤީޤަތެކެވެ.

– ހުކުރު ޚުޠުބާ

މާރާމަރިއާއި މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގިނަފަހަރަށް ގުޅިފައިވަނީ ސީދާ މަސްތުވާ ތަކެއްޗާކަމަށް ބަޔަންކުރައްވާ ހުކުރު ހުކުރު ޚުޠުބާގައިވަނީ، މަސްތުވާތަކެތީގެ އަވާގައި ޖެހިގެން ދަނީ، ހަމައެކަނި، ވަޒީފާއެއް ނެތި މަގުމަތީގައި ތިބި ޒުވާނުން އެކަނި ނޫންކަމަށެވެ.  އެއާ ޚިލާފަށް ވަރަށް ރަނގަޅު ވަޒީފާތަކުގައި ތިބޭ، ކިޔަވައިގެން ތިބި މޮޅެތި ބައެއް ޒުވާނުން ވެސް މިވަބާގެ ޝިކާރައަކަށް ވެގެންދާ މަންޒަރު ފެންނަކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިއީ ބަޔަކުމީހުންގެ އަމިއްލަ މަންފާއަށްޓަކައި، އެކުދިން ޝިކާރަކޮށް، އެކުދިން މީގެ ތެރެއަށް ވައްދައިގެން ހިންގާ ބޮޑު ޖަރީމާއެއްކަމަށްވެސް ޚުޠުބާގައި ސިފަކުރެއްވިއެވެ.

މިއަދު ތިބާގެ ޙަޔާތުގައި ވަގުތީ އުފާވެރިކަމެއް ފެނުނު ކަމުގައި ވިޔަސް، ﷲ އަށް ތައުބާނުވެ ހުރެ މަރުވެއްޖެ ނަމަ، ތިބާއާ ކުރިމަތިވާނެ ކަންތައްތަކާ މެދު ފުންކޮށް ވިސްނާށެވެ! މާދަމާ ﷲ ގެ ޙަޟްރަތުގައި ތިބާއާ މެދު ޝަކުވާ ދަންނަވާނެ ކިތައްކިތައް މަޢުޞޫމު ދަރިން ދުނިޔެމަތީގައި ތިބާގެ ސަބަބުން ބިކަވެފައިވޭ ހެއްޔެވެ؟ ﷲ ގެ ޙަޟްރަތުގައި މިއަޅާ މިވަބާގެ ޝިކާރައަކަށް ހެދީ މިވެނި މީހެކޭ، ބުނެ ޝަކުވާ ދަންނަވާނެ ކިތައްކިތައްޒުވާނުންގެ ޙަޔާތް ތިބާގެ އަތުން ބަރުބާދު ވެގެން ގޮސްފައި ވޭހެއްޔެވެ!" އޭ މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނޭވެ! ތިބާގެ މުޅި ޙަޔާތް ތިޔަ ބިނާ ކުރަނީ ޙަރާމް ވިޔަފާރިއެއްގެ މައްޗަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާއަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ އެއްޗެކެވެ. މިއަދު ތިބާ އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ތިޔަދެނީ ކަނޑައެޅިގެން އަލިފާނެވެ. ޙަރާމް ތަކެތި ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާވެގެންވަނީ ނަރަކަ ކަމަށް ނަބަވީ އިރުޝާދުތަކުގައި ބަޔާންކުރައްވާފައިވެއެވެ.

– ހުކުރު ޚުޠުބާ

ޚުޠުބާގައި ވަނީ މުޖުތަމަޢުގައި މަސްތުވާތަކެތީގެ ވަބާގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހީތެރިކަން ބޭނުންވާ ބައެއްކަމަށް ވިދާޅުވެ  މުޖުތަމަޢުގައި ސަލާމަތުން ތިބި މީހުން، އެބައިމީހުންނަށް އެހީތެރިވުމަށް ގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ