ބަރުލަމާނީގެ ވާހަކައަކީ މިއަދު، އީސާ ތައްކާނު ދައްކާ ކަހަލަ ވާހަކަ: ޝާހު

ބަރުލަމާނީގެ ވާހަކައަކީ މިއަދު، އީސާ ތައްކާނު ދައްކާ ކަހަލަ ވާހަކަ: ޝާހު

Author
ހުސެއިން
16 ސެޕްޓެމްބަރ 2021 08:00
0

ބަރުލަމާނީ ނިޒާމުގެ ވާހަކަ މިއަދު ދައްކަވާ ބޭފުޅުން ދައްކަވަނީ ތާކުން ތާކު ނުޖެހޭ ހޮޅި ވާހަކަތަކެއް ކަމަށާއި، މިއަދު އެވާހަކަތައް ބޮޑަށް ވައްތަރީ އަވައްޓެރި އައްޑޫ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ އީސާ ތައްޚާނު ދައްކާކަހަލަ ވާހަކަ ތަކާ ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީގެ ފާރާތުން ކޮންމެ ހަފްތާއަކުވެސް ބާއްވަމުން އަންނަ އެޕާޓީއަށް މެމްބަރުން އިތުުރުކުރުމަށް އިވެންޓުތަކުގެ ތެރެއިން، މިހަފްތާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، ރާއްޖޭގައި ވަކި މީހެއްގެ ވަށައިގެން ނޭބުރޭ ސިޔާސީ ޕާޓީއެއް ނެތްކަމަށާއި، އަލަށް ވުޖޫދުވެގެން އަންނަ ޕާޓީތައްވެސް، އަދި މީގެ 20 އަހަރު ކުރިން އިސްލާހީ މަސައްކަތުގެ ވާހަކަ ދައްކަވަމުން ވަޑައިގެންނެވި ބޭފުޅުން އަދިވެސް ޖައްސަވަނީ ހަމަ އެއް ބެރެއްކަމުގައެވެ.

ޝާހު ވިދާޅުވީ މި ހުރިހާ ބޭފުޅުންވެސް، ބޮޑުވަޒީރުކަމުގެ ވާހަކައާއި، ބަރުލަމާނީގެ ވާހަކައަކީ މަގާމަށް އާދެވޭނެ ގޮތެއް، ވެރިކަން ހޯދޭނެ ގޮތެއް، އާރާއި ބާރު، ޝާނާ ޝައުގަތު ހޯދޭނެ ގޮތެއް ނުފެނިގެން ދައްކާ ވާހަކަ ކަމަށާއި، އެހެންވީމަ އެވާހަކައަކީ އެއީ ހޮޅި ވާހަކަ ކަމުގައި އެވެ.

މަގާމަށް އާދެވޭނޭ ގޮތެއް، ވެރިކަން ހޯދޭނެ ގޮތެއް، އާރާއި ބާރާއި ޝާނާ ޝައުގަތު ހޯދޭނެ ގޮތެއް އިގޭތޯ.. އެހެންވީމަ މިދެކެވެނީ ބޮޑުވަޒީރުކަމުގެ ވާހަކަވެސް، ބަރުލަމާނީގެ ވާހަކަވެސް އިގޭތޯ.. އެހެންވީމަ އެވާހަކައަށް އަޅުގަޑުމެން ދަންނަވާނި އެއީ ހޮޅި ވާހަކައޭ، ތާކުންތާކު ނުޖެހޭ ވާހަކައޭ.. އެއީ އަޅުގަޑުމެންގެ އަވައްޓެރި އައްޑޫ ބޭފުޅުން ވިދާޅުވާ ކަމަށް ވަނީނަމަ، އެއީ އީސާ ތައްޚާނު ދައްކާކަހަލަ ވާހަކަ އިގޭތޯ..

– ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވި ގޮތުގައި، ޖުމުހޫރީ ޕާޓީން ކޮމެހެން އުޅެނީ ބަރުލަމާނީ ކަމުނުގޮސްގެން ނޫން ކަމަށާއި، އަދި ކޮންމެހެން ރިޔާސީ ނިޒާމުވެސް ފުރިހަމަވެގެން އެއަށް ވަކާލާތު ކުރާކަށްވެސް ނޫންކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮންނަން ޖެހޭނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ނިޒާމެއް ކަމަށާއި، ސަބަބަކީ ގާނޫނު އަސާސީ ބުނާގޮތުން ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައިވާތީއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ، މި ސަރުކާރުން ނަފްރަތުގެ ބިލެއް މަޖިލީހުން ފާސްކުރަން އުޅުމަށްވުރެ، ކޯލިޝަނަށް ގާނޫނީ ބާރުދޭން ފާސްކުރާނެކަމަށް ވައުދުވީ ގާނޫނު ފާސްކުރުން މާ ތާހިރުވާނެ ކަމުގައެވެ.

އިތުރަށް ޝާހު ވިދާޅުވީ، މަޖިލިހުގެ ތެރެއިން ނަފްރަތުގެ ބިލެއް ފާސްކުރަން މިއަދު މަސައްކަތް ކުރަމުންދަނީ، 18ވަނަ މަޖިލުހުގައި އަބުރުގެ ބުލެއް ފާސްކުރަން އޭރު މަސައްކަތް ކުރަން އުޅުމުން، އެބޭފުޅުންގެ ފޮޓޯތައް އެކޮޅުކޮޅުން ޖަހައިގެން، މާއްދާ 27ގެ ވާހަކަ ދައްކަމުން ދިޔަ މީހުން ކަމަށާއި، އެހެންނަމަވެސް، މިއަދު އެބޭފުޅުންނަށް ގާނޫނު އަސާސީގެ މާއްދާ 27ވެސް ފެންނަން ނެތްކަމުގައެވެ.

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ޝާހުއަކީ، 18ވަނަ ރައްޔިތުންގެ މަޖިލިހުގައި އޭރު ގޮޑި ގެއްލުނުކަމަށް ސުޕްރީމްކޯޓުން ކަޑައެޅި 12 މެމްބަރުންގެ ތެރޭގައި ހިމެނުނު އޭރުގެ މެމްބަރެކެވެ. އޭނާ އޭރު ޕީޕީއެމްއިން ކަޑާލުމަށްފަހު ފަހުން ގުޅިވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.