ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނާއިބް ރައީސްކަމުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އެމްއާރުއެމްގެ މަޤާމުތަކަށް ކުރިމަތި ލުމުގެ މުއްދަތު މިއަދު ހަވީރު 4 ޖެހުމާއި ހަމައަށް ހަމަވާއިރު، ޕާޓީގެ މުހިންމު މަޤާމުތަކަށް ވަނީ ކުރިމަތިލާފައެވެ. އެގޮތުން އެޕާޓީގެ ޒައީމްކަމުގެ މަޤާމަށް ޕާޓީގެ މިހާރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ޕާޓީގެ ރައީސްކަމަށް ފާރިސް ވަނީ ކުރިމަތި ލައްވާފައެވެ.
އެމްއާރުއެމްގެ ނާއިބް ރައީސްކަމަށްވެސް ވަނީ ތިން ބޭފުޅަކު ކުރިމަތި ލައްވާފައެވެ. އަންހެން ބޭފުޅުންގެ ތެރެއިން އިންތިޚާބުކުރާ ނާއިބް ރައީސް ކަމަށް ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތްތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި އާމިނަތު ނާދިރާ ވަނީ ކުރިމަތި ލާފައެވެ. ފިރިހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސް ކަމުގެ މަޤާމަށް އިންތިޚާބުކުރާ މަޤާމަށް ކުރިމަތިލާފައިވަނީ މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް އާއި، ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީއެވެ.
އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެއެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ކަމަށެވެ.
އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.