އެމްއެއާރުއެމްގެ ރައީސްކަމަށް ފާރިސް

އެމްއެއާރުއެމްގެ ރައީސްކަމަށް ފާރިސް

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 12:15
0

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސްކަމުގެ މަޤާމަށް  ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

އެމްއާރުއެމްގެ ރައީސްކަމުގެ މަޤާމަށް އިތުރު ބޭފުޅަކު ކުރިމަތި ލައްވާފައި ނުވެއެވެ. ފާރިސް މައުމޫންއަކީ، ނިމިިޔަ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް މަޖިލިސް ތެރެއިން އެންމެ ފުރަތަމަ ނިކުންނެވި މެމްބަރެވެ. އަދި އެވެރިކަމުގައި އެތައް ދުވަހަކު ޖަލުގައި ފާރިސްވަނީ ހޭދަކޮށްފައެވެ. ރައީސް ޞާލިހުގެ ވެރިކަމުގައި ފާރިސް މިނިސްޓަރަކަށް އަންނާނެކަމަށް ބެލެވުނު ނަމަވެސް ފާރިސް ކެބިނެޓުގެ އެއްވެސް މަޤާމަކަށް އައިސްފައި ނުވެއެވެ. އަދި ސިޔާސީ ކަންކަމުގައި ހުންނެވީ ވަރަށް ބޮޑަށް ދުރުގައެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލެއްވިއިރު އެމްއާރްއެމްގެ ޒައީމްގެ މަގާމަށް ކުރީގެ ރައީސް މައުމޫން ވަނީ ކުރިމަތި ލައްވާފައެވެ. އެމްއާރުއެމްގެ މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަވީރު 4 ޖަހާއިރަށް ހަމަވާނެއެވެ.

އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނާއިބް ރައީސްގެ މަޤާމަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.