އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޗްއާރުސީއެމް އޮފީސް ފަޅާލައި ބައެއް ތަކެތި ވަގަށް ނަގައިފިއެވެ.
ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެޗްއާރުސީއެމްގެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މިހާތަނަށް ބެލިބެލުމުން، ބައެއް ޑޮކިއުމަންޓަ ތަކާއި، 2 ލެޕްޓޮޕް އަދި ޑީވީއާރު ވަގަށް ނަގާފަިއވާކަމަށް އެނގިފައިވާކަމަށެވެ. މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. މިމައްސަލާގައި ހިތަދޫ އެޗްއާރުސީއެމްއިން އޮފީހުން ވިދާޅުވީ މިވައްކަމުގައި ލިބިފައިވާ ގެއްލުން ވަރަށްބޮޑުކަމަށެވެ. އަދި މިހާރު ފޮރެންސިކް އެވިޑެންސް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ވަގަށް ގެންގޮސްފައިވާކަމަށް މިވަގުތަށް ބެލެވޭ ތަކެތީގެ ތެރޭގައި ސާރވާ ޑިސްކާއި، ލެޕްޓޮޕްތަކާއި، ކެމެރާތައްވެސް ހިމެނޭކަމަށެވެ. ވައްކަމުގައި އޮފީހުގެ ސާރވާވެސް އެއްކޮށް ހަލާކުވެފައިވާކަމަށް ހިތަދޫ އެޗްއާރުސީއެމް އޮފީހުން ވިދާޅުވެއެވެ. ވައްކަން ކުރި މީހުން ވަދެފައިވަނީ އޮފީހުގެ ކުޑަދޮރުގެ ދެ ތަންޑު ނައްޓާލައިގެންކަމަށްވެސް އައްޑޫ އެޗްއާރުސީއެމް އޮފީހުން ވިދާޅުވެއެވެ.
އައްޑޫސިޓީ ހިތަދޫގައި އެޗްއާރުސީއެމްގެ އޮފީސް ހުޅުވާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓު ފޮނުވާ