ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އެފް ގައި ޔަންގް ބޯއިސް އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރިމެޗް ޔަންގް ބޯއިސް ކާމިޔާބުކޮށްފިއެވެ. ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ފަހަތުން އަރައި 2 ލަނޑު އެއްލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 12 އަހަރަށްފަހު އަލުން ޓީމާއި ގުޅުނު އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކޮށްދިނީ އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުންވެސް އިދިކޮޅު ގޯލަށް ނުރައްކަތެރި ހަމަލާއެއް ރޮނާލްޑޯ ފޮނުވާލި އެވެ. ނަމަވެސް ޔަންގް ބޯއީސްގެ ކީޕަރު ވަނީ ހުށިޔާރު ކަމާއި އެކު އެބޯޅަ ދިފާއު ކޮށްފަ އެވެ.
މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފުގެ 35 ވަަނަ މިނެޓުގައި ޔުނައިޓެޑްގެ ވެންބިސާކާއަށް ރަތް ކާޑު ދެއްކުމުންނެވެ. އޭގެ ފައިދާ ނަގައި ޔަންގް ބޮއީސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ.
ޔަންގް ބޯއީސް އިން ނަތީޖާ ހަަމަކުރީ މެޗުގެ 66 ވަނަ މިނެޓުގަ އެވެ. މި ގޯލަކީ އެޓީމުގެ ފޯވަޑް ނަމަލެއޫ ކާމިޔާބު ކޮށްދިން ގޯލެކެވެ. ޔަންގް ބޯއީސްއަށް ލީޑު ލިބުނީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގަ އެވެ. މި ގޯލާއި އެކު ޔަންގް ބޯއީސްގެ ދަނޑު އެއްކޮށް ގުގުމާލި އެވެ.