އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ޝާހިދަށް ރައީސްގެ ތަހުނިޔާ

އދ.ގެ އާއްމު މަޖިލީހުގެ ރައީސް، ޝާހިދަށް ރައީސްގެ ތަހުނިޔާ

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2021 11:48
0

އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވުމާއި ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މަރުޚަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދުއަށް މަރުހަބާއަށް ދަންނަވާ ކުރެއްވި ޓްވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މިއީ ޚާރިޖީގޮތުން ރާއްޖެއަށް ތާރީޚީ ދުވަހެއްކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގަ ރާއްޖެއިން ކުރަމުންދިޔަ މަސައްކަތްތައް މުޅިން އެހެން ހަރުފަތަކަށް ގެންދެވުނު ދުވަހެއްކަމަށެވެ. އަދި މިފަދަ މަޤާމެއް ރާއްޖެއަށް ލިބިގެންދިއުމަކީ ރާއްޖޭއާމެދު ޤައުމުތަކުން ދެކެމުންއައިގޮތް ބަދަލުވެ، ރާއްޖެއާމެދު އިތުބާރު އާވެފައިވާކަމުގެ ހެއްކެތްކަމަށް ރައީސް ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ހުވާ ކުރެއްވީ، ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގަ ރޭ ބޭއްވި އެ އިދާރާގެ 76 ވަނަ ސެޝަންގެ ތެރެއިންނެވެ.

ރިޔާސަތުގައި ވާހަކަދައްކަވަމުން ޝާހިދުވަނީ، އެމަނިކްފާނުގެ ރިޔާސަތުގައި، އިސްކަންދެއްވާނެ މުހިން ލަނޑުދަޑިތަކުގެ މައްޗަށް އަލި އަޅުއްލައްވާފައެވެ. އަދި ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި، ރިޔާސަތުގައި މަސައްކަތް ކުރައްވާނީ، އދ. ޗާޓަރާއި އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ގައުމުތަކެއްގެ މެދުގައި ހަމަހަމަ ކަން ގާއިމް ކުރައްވަމުން ކަމުގައި ވިދާޅުވެ، ޝާހިދު ވިދާޅުވެފައިވަނީ، އެމަނިކްފާނު ހުރިހާ މަސައްކަތްތަކެއްވެސް ބިނާވެގެން ދާނީ ޔޫއެންގެ މަސްލަހަތުގައި ކަމަށާއި، އެ މަސައްކަތުގައި ވަކިފަރާތަކަށް ބުރަވުމެއް ނެތި، ވަކި ގައުމަކަށް އިސްކަން ދިނުމެއް ނެތި ދެމި ހުންނަވާނޭ ކަމުގައެވެ.

މަގާމާ ހަވާލު ވެވަޑައގަތުމަށްފަހު، މެމްބަރު ގައުމުތަކާ މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ރާއްޖޭގެ ފޮރިންގެ މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ، އަބުދުﷲ ޝާހިދު ވަނީ، ރައީސްކަމުގެ ދައުރު ފުރިހަމަ ކުރައްވާ ވަޑައިގަންނަވާ، ރައީސް ވޮލްކަން ބޮޒްކިރް، އދ.ގެ ޢާންމު މަޖިލީހުގެ 75 ވަނަ ސެޝަންގައި ދެއްކެވި ހިންގުންތެރި ކަމަށް އައްސަރިބަހާއި ސާބަސް އަރިސްކުރައްވާފައެވެ. އަދި ޝާހިދުވަނީ، އެމަނިކުފާނު ހިފެހެއްޓެވި ފުރިހަމަ ޢަޒުމާއި، ކެރުމާއި ހިތްވަރަށްޓަކައި އާންމު މަޖިލީހުގެ އެންމެ މެންބަރުންގެ ނަމުގައި ވޮލްކަން ބޮޒްކިރްއަށް ޝުކުރުދަންނަވާފައެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އދ. ގެ މަޖިލީހުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުން ކަމުގައި ވިޔަސް، ނުވަތަ ޤައުމުތަކުގެ ކުރިމަގު ބައްޓަންކުރުމަށް ކުރިއަށްދާ ބައިނަލްއަޤުވާމީ މަޝްވަރާއެއް ކަމުގައި ވިޔަސް، މިވަގުތަށް ނުވަތަ ކުރިމަގަށް ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް އދ. އިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ހިންގޭ ހަރަކާތެއް ކަމުގައި ވިޔަސް، މި ހުރިހާ ކަމަކަށްވެސް، އާންމު މަޖިލިހުގެ ރައީސްގެ ހައްސިއްޔަތުން ހުންނެވީ، ޝައުގުވެރިކަމާއި އެކު، އެކުގައި މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ކަމުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.