ޤާސިމާއި، އިމްރާނު ރައީސަށް ދެވަނަ ދައުރެއް ދޭން ބޭނުންނުވާނެ: ނަޝީދު

ޤާސިމާއި، އިމްރާނު ރައީސަށް ދެވަނަ ދައުރެއް ދޭން ބޭނުންނުވާނެ: ނަޝީދު

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މެމްބަރުން ހިމެނޭ ވަޓްސް އަޕް ގްރޫޕެއްގައި ބައެއް މެމްބަރުން ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާނެކަމަށެވެ.

އެބޭފުޅުންނަކީ އަބަދުވެސް ބޭނުންވާ ވަގުތު ބޭނުން ކަމެއްކޮށްގެން ދާން ބޭނުންވާ ދާނެ ބޭފުޅުންކަމަށެވެ. އެކަން ރައީސް ޞާލިހު ގަބޫލު ކުރައްވަން ޖެހޭކަމަށެވެ. އަދި މިހާރު އޮތް އިއްތިހާދުގެ ތެރޭގައި ތިބެ ވެރިކަމަށް ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް އެބޭފުޅުން ކުރައްވާނެ އެއްވެސް މަސައްކަތެއްވެސް ނޯންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއްވެސް އިރެއްގައި ޤާސިމްވެސް އަދި އަދާލަތު ޕާޓީވެސް ރައީސުލްޖުމްހޫރިއްޔާ އަށް ދެވަނަ ދައުރެއް ދޭން އެއްބަސް ވެދާނެކަމަށް ހީކުރި ނަމަ، އެއީ ވަރަށް ބޮޑު އޮޅުމެއް. އަދި އެބޭފުޅުން އިއްތިހާދުގައި ތިއްބަވާނެ ކަމަށް ދެކިލައްވާ ނަމަވެސް އެއީ އޮޅުމެއް. އެބޭފުޅުން ބޭނުންވާ ގަޑީގައި ދާނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ އަބަދުވެސް ޕްރައިމަރީއަކުން ލިނޭނެ ޓިކެޓެއް ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ޓިކެޓް ދޫކޮށް ލެއްވުމުންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު އެޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރ އިބްރާހީމް މުޙައްމަދު ސޯލިހު ( އިބޫ )އަށް ދޭން ނިންމައިފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހު އއ. އުކުޅަހުގައި ކުރިއަށްދާ އެމްޑީޕީގެ ކޮންގްރެސްގައެވެ. މިހާރުގެ ރައީސް ޞާލިހަށް ޓިކެޓްދޭން ހުށެހެޅި ހުށެހެޅުންފާސްވީ ކޮންގްރެސްގައި ބައިވެރިވި 791 މެންބަރުންގެ އިއްތިފާޤުންވަނީ ފާސްކޮށްފައެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމައި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ އަދި އެކަމަށް ވަކި ގޮތެއް ނުނިންމާކަމަށެވެ. މަސައްކަތް ކުރަމުން ގެންދަވަނީ ވެފައިވާ ވައުދުތައް ފުއްދެވުމަށްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *