މިފަހުން ބަޔަކު މީހުން ރާވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ދޭން އުޅުނު ލަނޑުން ސަލާމަތް ކޮށްދެއްވީވެސް އޭނާ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ނަފްރަތު ބިލުގެ ނަމުގައި ބިލެއް ހަދައި ޤާނޫނާއި ޚިލާފް އެތައް ކަމެއް ހިމަނައިގެން ބިލެއް އެކުލަވާލައި ރައީސަށް ވަރަށް ބޮޑު ލަޑެއްދޭން ބަޔަކު ރޭވިކަމަށެވެ. ނަމަވެސް ކޯވިޑްގެ ތެރޭގައި ހާލަތު ހުރި ގޮތުން ސަން އައިލެންޑް ރިސޯޓްގައި ހުންވައި އެންމެ ފުރަތަމަ އެބިލާއި ދެކޮޅު ހެދި ސިޔަސީ ލީޑަރަކީވެސް އޭނާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ހުރިހަ އެއްޗެއް އަކުރުން އަކުރަަށް ކިޔޭ ވަރަށްވުރެ ބިޒީ ބޭފުޅަކަށްވާއިރު، މިހެން ހަދާ ގޯސްތަކުން އެމަނިކުފާނު ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާތަން ފެންނަނީވެސް މަދު ބައެއްކަމަށެވެ. މިފަހަރުވެސް މުޅި ޤައުމު އެކީ މިކަމާއި ދެކޮޅުވުމުން ރައީސް ޞާލިހުގެ ދިފާއުގައި ނިކުމެ ސަލާމަތް ކޮށްދެއްވީ އޭނަ ކަމަށް ޤަސިމް ވިދާޅުވިއެވެ.
ނަފްރަތުގެ ބިލަށް އެވާހަކަ ދެއކިއިރު އަޅުގަނޑަކަށް ނޭގޭތޯ ސަރުކާރުން ކާކުބުނެގެން، ކާކުކަން އެބިލް ފޮނުވާނީ. އެކަމު ފަހުން ރައީސަށްވެސް އެނގިވަޑައިގެންފި މި ބައްލަވަ ލެއްވީމާ އެގިއްޖެ މިއީ ހޮވާވަރުގެ ކަމެއްނޫންކަންމީ. ތިމަންނާއަށްވެސް މިހެދެނީ ގޯހެއްކަން. ރަނގަޅު ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ އަކީ ވަރަށް ގިނަ މަސްއޫލިއްޔަތު އޮންނަ ބޭފުޅެއް. އެބޭފުޅާއަށް ހުރިހާ އެއްޗެއް އަކުރުން އަކުރަށް ނުކިއި ހިނގައިދާނެ. އެކަމަކު ބަޔަކު މީހަކު ދޭން އުޅޭ ލަނޑެއްގައި އެމަނިކުފާނު ނުޖެހި ސަލާމަތްވީ މިފަހަރުވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑާއި ހެދިއޭ. އެހެން ނޫންނަމަ އެލަނޑު އެމަނިކުފާނަށް ލިބިފައި އޮތީސް.
– ޤާސިމް ވިދާޅުވިއެވެ.
ނަފްރަތުގެ ޢަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ޤާނޫނުލްއުޤޫބާތަށް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އީލްމީ ބޭފުޅުންނާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވެވުނު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިހާރު ވަނީ ހުށަހަޅާފައެވެ.
އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ ޢަމަލު، ޖިނާއީ ކުށަކަށް ހެދުމަށް ސަރުކާރުން ޤާނޫނުލް ޢުޤޫބާތަށް ހުށައެޅި އިޞްލާހާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، އެބިލު ފޮނުވުމަށްފަހު އެ ބިލަށް އިސްލާހްތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުފުޅު ކުރެވިގެން ސަރުކާރުގެ ފަރާތުން އިސްލާހްތަކެއް ހުށަހަޅާފައިވާނެކަމަށެވެ. އަދި ކޮމިޓީ މަރުހަލާގައި ސަރުކާރުން ހުށަހެޅި ބައެއް އިސްލާހްތައް ހިމަނާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެބިލު ފާސްވެގެން އަންނައިރު ހުށަހެޅިފައިވާ އިސްލާހުތަކާއެކު ފާސްވެގެން އައުމަކީ އުއްމީދެއްކަމަށެވެ.
ކޮމެންޓު ފޮނުވާ