އަލީ ވަހީދު ޖިންސީ ގޯނާކޮށްފާނެހެން ހިޔެއްނުވޭ، ހުންނެވީ ފްރޭމް ކޮށްފައިކަމަށް ބެލެވޭ: ޤާސިމް

އަލީ ވަހީދު ޖިންސީ ގޯނާކޮށްފާނެހެން ހިޔެއްނުވޭ، ހުންނެވީ ފްރޭމް ކޮށްފައިކަމަށް ބެލެވޭ: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2021 09:21
0

ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދު ޖިންސީ ގޯނާކޮށްފާނެކަމަށް ނުބެލެވޭކަމަށާއި، ބޮޑަށް ބެލެވެނީ އޭނާ ހުރީ ފްރޭމްކޮށްފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާއެކު އެ ޕާޓީގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ގާސިމް ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރިނަމަވެސް އޭނާގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައި އަދި ނެތް ކަމަށެވެ. އޭގެ ފަހުން ވިދާޅުވީ މިހާރު ކަންކަން ވަމުންދާ ގޮތުން އަލީ ވަހީދު ހުރީ "ފްރޭމް" ކޮށްފައި ކަމަށްވެސް ބައެއް ފަހަރު ހީވާ ކަމަށެވެ.

އެކަމުގެ ތަފްސީލަށް ވަޑައިގަންނަވަމުން ގާސިމް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގައި ދައުލަތުން އަމަލުކޮށްފައިވަނީ ގަބޫލުކުރަން ދަތި ގޮތަކަށް ކަމަށެވެ. އަލީ ވަހީދު މަގާމުން ދުރުކުރުމާއެކު އޭނާއަށް އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ގެއްލޭއިރު އެ ޕާސްޕޯޓް ކެންސަލް ކުރުމަށް ކޯޓަށް ހުށައަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމޭ އިރު އަލީ ވަހީދު ބޮލުގައި އެއްވެސް ޒިންމާ އެއް އެޅޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އެވަރަށް މީހުންނާއި ދޭތެރޭ، އެ ގޮތަށް އަންހެން ކުދިންތަކެއް ރޭޕް ކުރަން މަސައްކަތްކޮށްފާނެ ކަމަށް ވަރަށް އުދަނގޫ ގަބޫލުކުރަން. އެހެންނަމަވެސް ވެދާނެ. ކަމެއް ކޮށްފަވެސް ހުރެވިދާނެ. ބޮޑަށް ގަބޫލު ކުރެވެނީ އެހެންނޭ މިދަންނަވަނީ.

– ގާސިމް ވިދާޅުވިއެވެ.

ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނެވި އަލީ ވަހީދު ޔޫކޭގެ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވަނިކޮށް މީގެ ދެ ތިން ދުވަސް ކުރީން ފެށިގެން އޭނާ ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ. އަދި ސަރުކާރަށް ވަރަށް ބޮޑަށް އިންޒާރު ދެއްވާ "ދައްކަވަން އުޅުއްވި ވާހަކަތައް ދައްކަވާނެ" ކަަމަށް ވިދާޅުވަމުންނެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.

ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް ބުނެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.