ބެންޒެމާގެ ހެޓްރިކާއެކު ރެއާލަށް ބޮޑު މޮޅެއް

ބެންޒެމާގެ ހެޓްރިކާއެކު ރެއާލަށް ބޮޑު މޮޅެއް

ގުޅުންހުރި

ކަރީމް ބެންޒެމާގެ ހެޓްރިކާއެކު ރެއާލް މެޑްރިޑުން ރޭ ބޮޑު މޮޅެއް ހޯދައިފިއެވެ.

ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާ ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބުކުރީ 2-5 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ދަނޑު ބާނަބެއު މަރާމާތައް ބަންދުކުރުމަށްފަހު ރޭ ކުޅުނު މެޗަށް ސަޕޯޓަރުން ވަނީ ވައްދާފައެވެ. އެންމެ ފަހުން ކުޅުނު މެޗަކީ މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެލް ކްލަސިކޯ މެޗެވެ. ދަނޑުގެ މަރާމާތުގެ މަސައްކަތް އަދި އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ. ދަނޑު މަރާމާތު ކުރި ދުވަސްތަކުގައި ރެއާލްގެ މެޗުތައް މިދިޔަ ސީޒަނުގައި ކުޅުނީ އެޓީމުގެ ފަރިތަކުރުންތައް ކުރިޔަށް ގެންދާ ދަނޑުގައެވެ.

ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެލްޓަ ވީގޯ އިންނެވެ. މެޗު ފަށައިގެން 4 ވަނަ މިނެޓުގައި މި ލަނޑު ސެލްޓައަށް ކާމިޔާބުކޮށްދިނީ، ސަންޓި މީނާއެވެ. ނަމަވެސް މެޗުގެ 24 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ލަނޑެއް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ރެއާލުން ނަތީޖާ ހަމަހަމަކުރިތާ 6 މިނެޓު ފަހުން ފްރާންކޯ ސާވީ ވަނީ ސެލްޓަ ވީގޯއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ސެލްޓަ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ފުރަތަމަ މިނެޓުގައި ބެންޒެމާ ވަނީ އަނެއްކާވެސް ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ، ވިނީޝިއަސް ޖޫނިއާރއެވެ. ރެއާލްގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓުގައި ކަމަވިންގާ ކާމިޔާބުކޮށްދިންއިރު، މެޗުގައި ބެންޒެމާ ހެޓްރިކް ފުރިހަމަކުރި ލަނޑު އޭނާ ކާމިޔާބުކުރީ، ލިބުނު ޕެނަލްޓީއަކުން 87 ވަނަ މިނެޓުގައެވެ.

މި މޮޅާއެކު ރެއާލް އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ