ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން ހަރަކާތުގައި މިރޭ ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން ހަރަކާތުގައި މިރޭ ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މިއަހަރު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އިތުރުކުރުމުގެ ގޮތުން މިރޭ ބާއްވާ ޚާއްޞަ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.

އަންނަ މަހު1 އިން 15އަށް ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އިތުރުކުރުމަށް މުޅި ރާއްޖެއަށް ފުޅަކުރުމަށް ބާއްވާ "ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން" ހަރަކާތް އިގްތިތާހްކުރުމުގެ ގޮތުން މިރޭ ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ހަރަކަތް ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މިރޭ 9 ޖަހާއިރު ބާއްވާ މި ހަރަކާތުގައި ސާފް ޗެމްޕިއަންޝިޕް ކެމްޕެއިން ކުރިއަށްދާނެގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއއް ދައްކާނެއެވެ. އަދި ސާފް ޗެމްޕިއަންޝިޕްގެ ހަނދާނުގައި ތަޢާރަފްކުރާ "އަހަރެމެންގެ ފަހަރު" ފޮތް ތަޢާރަފްކުރުންވެސް އޮންނާނެކަމަށް އެފްއޭއެމް އިން ވިދާޅުވިއެވެ. އަދި މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނަށް ހަނދާނީ ލިޔުން އެރުވުންވެސް އޮންނާނެކަމަށް އެފްއޭއެމް އިން ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ބަންގްލަދޭޝްގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެގައުމުގައި މުބާރާތް ކުރިއަށް ނުގެންދެވިގެން ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުންވަނީ މުބާރާތް ބާއްވަން ބޭނުންވާ ގައުމުތަކަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އެފްއޭއެމުން ސާފް ޗެންޕިއަންޝިޕް ބޭއްވުމުގެ ބިޑް ކާމިޔާބުކޮށްފައި ވަނީ ނޭޕާލާ ވާދަކޮށްގެންނެވެ. މިފަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދިޔައީ މިސަރައްޙައްދުގެ ގައުމުތަކުގެ ތެރެއިން ކޯވިޑް-19 އިން އަރައި ގަތުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަކާއި ރާއްޖޭގައި ކޯވިޑް-19އަށް ފައްސިވާ މިންވަރު އަދި ކޮވިޑް-19 ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތްވެސް އެންމެ ގިނައީ ރާއްޖޭގައި ކަމަށްވާތީއެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ 2 ވަނަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ފުރަތަމަ ބާއްވާފައިވަނީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ. އަދި އެފަހަރުގެ މުބާރާތް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ލިބިފައިވާއިރު، ވިހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވެއްދުމަކީ އެފްއޭއެމްގެ އަމާޒްކަމަށެވެ. ޖަވާޒް ވިދާޅުވީ ވިހާވެސް ގިނަ ރައްޔިތުން ވެކްސިންޖަހާ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލްކޮށް، ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރައްހަދުގައި ކޯވިޑްގެ ކޭސްތައް މަދުކުރުމަށް މަސައްކަތް ކުރުމަކީ ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ބަލަން ދަނޑަށް ވީހާވެސް ގިނަ މީހުން ވެއްދުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *