ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވި ދުވަހު، ދައުލަތުގެ މީޑިއާ، ޓީވީއެމްއަށް ވަދެގަނެ އެތަނުގެ ކޮންޓްރޯލްނެގި ސިފައިންނާއި ފުލުހުންނަށް ފިޔަވަޅު އަޅައިދިނުމަށް އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށައަޅައިފިއެވެ.
މި މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ހުށައެޅުމުގައި އިސްކޮށް ހުންނެވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އެވެ. އޭނާ މިއަދު ހުށައެޅުއްވި މައްސަލާގައިވަނީ 2012 ވަބަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ގައި ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް)ގެ ގޭޓަށް ބަޑިޖަހައި އެތަނުގެ ކޮންޓްރޯލް ނަގާފައިވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމްގައި ތިބި ޓެރަރިސްޓުންކަމަށެވެ. އެ މައްސަލާގައި ވަނީ އެ އަނިޔާވެރި އުދުވާނީ ހަމަލާގެ އަމަލު ހިންގާނީ ކޮންމެވެސް ފަރާތަކުން ކޮމާންޑުކޮށްގެންކަމީ ޔަގީން ކަށަވަރުކަމެއްކަމަށްވެސް ވިދާޅުވެފައެވެ.
ބޮންޑޭއާއި އަދި އިތުރު ބަޔަކު އިސްވެ ހުށައެޅި އެ މައްސަލާގައިވަނީ، ޓީވީއެމަށް ވަންނަން ސަލާމަތީ ބާރުތަކަށް އަމުރު ކުރި ފަރާތެއް ހޯދައި ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
އިންތިޤާލީ އިންސާފުގެ އޮފީހަށް ފެބުރުއަރީ 7ގެ ހަމަލާގެ މައްސަލައެއް ބޮންޑެ ހުށައަޅުއްވާފައިވާއިރު، ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހާއި ޖެހިގެން އައިދުވަހު ފެބުރުއަރީ8ގައި މާލެއާއި ބައެއް ރަށްރަށުގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. ދައުލަތުގެ މުދަލަށާއި ސަލާމަތީ ބާރުތަކަށް އަދި ޢާންމުންނަށްވެސް ބޯޑެތި ގެއްލުންތަކެއްވިއެވެ. އެދުވަހުގެ އެ ހަމަނުޖެހުމުގައި އެންމެ ބޮޑަށް އަނިޔާވި އެކަކަކީވެސް ބޮންޑެއެވެ.
ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހު، ސަލާމަތީ ބާރުތަކުންވަނީ ޓީވީއެމް ތެރެއަށްވަދެ އެތަނުގެ ފީޑް މެދުކަނޑާލާ، ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ޓީވީޗެނަލްކަމަށްވާ ވީޓީވީގެ ފީޑު ދޫކޮށްފައެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
One Response
މި ޤާނޫމަކީ އަންނި ގަޔަށް ހެޔޮވަރުވާގޮތަށް ކކަނޑައިގެން ފަހަން އުޅޭ ކޯޓެއް