ޖުމްހޫރީ ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވާ ކާނަލް މުހައްމަދު ނާޒިމްއަށް މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށާ ޖުމްހޫރީ ޕާޓީއަކީ ސިޔާސީ މަސައްކަތް ކުރުމުގެ ފުރުސަތު ކުޑަ ޕާޓީއެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕްގެ ކުރީގެ މެންބަރު އަދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިލްހާމް ވަނީ ރައްދު ދެއްވާފައެވެ.
އިލްހާމް ވިދާޅުވީ ކޯވިޑާއި ގުޅިގެން ޕާޓީގެ ހަރަކާތްތައް މަޑު ޖައްސާލައިފާކަން އިއުލާން ކޮށްފައިވާނެކަމަށެވެ. އެކަން އޮޅޭނެ ރައްޔިތަކު މިޤައުމުގައި ނެތްކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމް އާއި އަދިވެސް އެޕާޓީން ވަކިވެގެން ޕާޓީ ހަދަން އުޅޭ ބޭފުޅުންނަކީ ޖޭޕީ ތެރޭގައި ސިއްރުން ކަންތައްތަކެއް ކުރަން އުޅުނު ބައެއްކަމަށެވެ. އެބޭފުޅުން ކުރަން އުޅުނުކަންތައް ނުވެ ފަޅާއަރާފައިވާކަމަށް އިލްހާމް ވަނީ ތުހުމަތު ކުރައްވާފައެވެ.
ކޯވިޑާއި ގުޅިގެން ޕާޓީގެ ގިނަ ހަރަކާތްތައް ވަނީ މަޑުޖައްސާފަ. މިކަން ވާނީ ރައްޔިތުންނާއި ހިއްސާކޮށްފަ. ސިއްރުން ކުރައްވަން އުޅުއްވި ކަންތަކަށް ޖޭޕީ ތެރެއިން ނުކުރެވުނީ ނޫންތޯ. ރޭވި ރޭވުންތައް ފަޅާ އެރީ ނޫންތޯ.
– އިލްހާމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް އެ ބޭފުޅުން ފެއްޓެވީ ޖުމްހޫރީ ޕާޓީގައި ތިއްބަވައިގެން ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ކުރައްވާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ނާޒިމް ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ ޕާޓީގައި ހޭދަކުރެއްވި ދެ އަހަރު އެއްވެސް ސިޔާސީ މަސައްކަތެއް އެ ޕާޓީން ކޮށްފައެއް ނުވެއެވެ. އަދި ޖަލްސާއެއްގެ މިންވަރު ވެސް ބާއްވާފައި ނުވާ ކަމަށެވެ.
އެމްއެންޕީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޑީގައި ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ކުރެވޭ ތުހުމަތުތަކަށްވެސް ނާޒިމް ރައްދު ދެއްވިއެވެ. ނާޒިމް ވިދާޅުވީ އެ ޕާޓީ އާއި ރައީސް ސޯލިހާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އެމްއެންޕީ އުފެއްދުމުގެ ކުރީންވެސް އަދި ފަހުންވެސް ރައީސް ސޯލިހާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެވެ.
One Response
ތިޔައިލްހާމް ދަށްކާ ވާހަކަތަށް މިއުޑުދަށުގައިތިބޭ ބަޔަކު ގާބޫލްކުރާކަށް ނުވާނެ އެއީ ދެކޮޅަށް ދުވާބަގައެއް ރިޔަލްޓީ ވަރަށް ވަރަށް ސާފް އިނގޭތޯ