ފާއިތުވެދިޔަ ހަފްތާގައި އިސްރާއީލުގެ ސަލާމަތީ ފިޔަވޅުތައް ވަރުގަދަ ޖަލަކުން ފިލާފައިވާ، ފަސްތީނުގެ މުޖާހިދުންނަށް ތާއީދުކޮށް، ހިފާފައިވާ ހުޅަގު އައްސޭރިއާއި ޖެރޫސެމްގައި ފަލަސްތީނުގެ ރައްޔިތުން މުޒާހިރާ ކޮށްފިއެވެ. އަދި ހުކުރުދުވަސް ފަލަސްތީނުގެ ރައްޔިތުން ފާޙަގަ ކުރީ މި 6 މުޖާހިދުންނަށް ތާއީދު ކުރުމަށް ޚާއްސަކުރެވުނު ދުވަހެއްގެ ގޮތުގައެވެ.
އަދި މުޒާހިރާ ކުރި ފަރާތްތަކުންވަނީ، އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ އިސްލާމިކް ޖިހާދުގެ ހަގުރާމަވެރިންނާ ދެކޮޅަށް ޖަލުތަކުގައި އަޅަމުންގެންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅަށްވެސް އަޑު އުފުލާފައެވެ.
އިސްލާމިކް ޖިހާދު ޖަމާއަތަކީ، ހަމާސް ޖަމާއަތުގެ އިތުރުން، ގާޒާ ސްޓްރިޕްގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.
ހަގުރާމަވެރިން އިސްރާއީލުގެ ޖަލުން މިނިވަން ވިފަހުން، މި ހަގުރާމަވެރިންގެ އާއިލާތަކުގެ އެތަކެއް މެމްބަރުންނެއް އިސްރާއީލުގެ އަސްކަރިއްޔާއިންވަނީ ހައްޔަރު ކޮށްފައެވެ. އަދި މި ހަގުރާމަވެރިން ހޯދުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުން، ހުކުރު ދުވަހު ހެނދުނު ވަނީ ހަގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ އިތުރު 3 މީހަކު ހައްޔަރު ކޮށްފައެވެ.
އިސްރާއީލުގައި ހުރި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލުން މުޖާހިދުން ފިލާފައިވަނީ ރޭގަޑުގެ ވަގުތެއްގައި ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި، މުޖާހިދުން ފިލާފައިވަނީ ޖަލުންގެ އެތެއިން ކޮނެގެން ހަދާފައިވާ ޓަނަލެއް ބޭނުން ކޮށްގެންނެވެ. އަދި ބުނެފައިވަނީ، މި މުޖާހިދުން ފިލާފައިވަނީ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެންކަމީ ކަށަވަރުވެ ޔަގީންވާ ކަމެއްކަމުގައެވެ.
![](https://khabaruonline.com/wp-content/uploads/2021/09/Palestinian-prisoners-who-escape-1024x576.jpg)
އިސްރާއީލުގެ ޖަލުތަކުން މީހުންނަށް ފިލައިގެން ދެވުމަކީ އާދަޔާ ޚިލާފަށް މަދުން ހިގާފައި ހުރި ކަމެކެވެ.
މި ހަފްތާގެ ހުކުރުދުވަހު، އިސްރާއީލުގެ އަސްކަރިއްޔާވަނީ، ދެވަނައަށް އެންމެ މަތީ އެލާޓް ލެވެލް އަށް ގެނެވިފައެވެ. މިއީ ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރުމާއި ޖެހިގެން ދށަަށް އޮންނަ އެމަޖެންސީ ލެވެލްއެވެ. އިސްރާއީލުގެ އަސްކަރިއްޔާ ކުއްލި ހާލަތަށް ގެނެވުނީ، ހިފާފައިވާ ބިންތަކުގައި މުޒާހިރާތައް ކުރުމަށް ރޭވިފައިވުމާއި، އަދި ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ހަޅުތާލު ކުރާނެކަމުގެ މައުލޫމާތުތައް ލިބިގެންނެވެ.
ޖަލުން ފިލި މުޖާހިދުން ހޯދުމަށްޓަކާ އިސްރާއީލުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތް ވަރުގަދަ ކުރުމުގެ ގޮތުން މިހާރުވަނީ އިތުރު 1،000 ސިފައިން ހުޅަގު އައްސޭރީގެ އުތުރުގައި ހަރަކާތްތެރި ކުރުވަން ފަށާފައެވެ. އަދި މި ސަރަހައްދުގައި ޗެކް ޕޮއިންޓްތަކާއި ސެކިއުރިޓީ ކެމެރާތައް ހަރުކޮށް، ހަގުރާމަވެރިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް އިސްރާއީލުންވަނީ ވަރުގަދަ ކޮށްފައެވެ.
ފަލަސްތީނުގެ ޕްރިޒަނަރ ސަޕޯޓު ގުރޫޕުން ހާމަ ކޮށްފައިވާ ގޮތުގައި، މި ޖަލުން ފިލާފައިވާ 6 މުޖާހިދުންގެ ތެރެއިން އެކަކީ، ފަލަސްތީނުގެ ސިޔާސީ ޖަމާއަތެއްކަމުގައި ވާ ފަތަޙަ ޖަމާއަތުގެ ކޮމާންޑަރެއްކަމުގައިވާ ޒަކަރިއާ ޒުބެއިދީއެވެ. އަނެއް 5 މުޖާހިދުންނަކީ، ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މުޖާހިދުން ކަމުގައިވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޖާހިދުން ޖަލުން ފިލުމަކީ، ޝުކުރު ޙައްގު ކަމެއްކަމަށާއި އަދި މިއީ “އިސްރާއީލުގެ އަސްކަރިއްޔާއަށާއި އަދި މުޅި އިސްރާއީލުގެ ސިސްޓަމަށްވެސް ދެވުނު ރަގަޅު ފިލާވަޅެއް” ކަމުގައެވެ.
އިސްރާއީލުން ބުނެފައިވަނީ، އެގައުމުގެ އިންޓެލިޖެންސްއިން އެހީތެރިވެދީގެން، ޖަލުން ފިލި މުޖާހިދުން ހޯދުމަށްޓަކާ މިހާރު ވަރަށް ބޮޑު ޕޮލިސް އޮޕަރޭޝަނެއް ކުރިޔަށް ދާކަމުގައެވެ. އަދި އިސްރާއީލުގެ ޕޮލިހުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ޑްރޯންއާއި ހެލިކޮޕްޓަރުތައްވެސް ދަނީ ބޭނުން ކުރެވެމުންނެވެ.