ވަރލްޑް ކޮލިފައިންގެ ޔޫރަޕިއަން ކޮލިފައިން ގުރޫޕްގައި ސްޕެއިން މޮޅުވެ ގުރޫޕްގެ އެއްވަނައިގަ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ރަށުން ބޭރުގައި ސްޕެއިން މޮޅުވީ ކޮސޯވޯއާ އަތުން 2-0 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިންނަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފްގައި ވެސްޓް ހޭމްގެ ފޯވާޑް ޕަބްލޯ ފޯނަލްސްއެވެ. ރޭގެ މެޗަކީ އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ފޯނަލްސް ވަނީ ހުސްވި ސީޒަންގައި 21 އަހަރުން ދަށުގައި ޔޫރަޕިއަން ޗެމްޕިއަންޝިޕް ސްޕެއިންއާއެކު ކާމިޔާބުކޮށްފައެވެ.
ސްޕެއިން ލީޑު އިތުރަށް ފުޅާކުރީ މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް މެންޗެސްޓަރ ސިޓީގެ ފޯވާޑް ފެރަން ޓޮރޭސް ކާމިޔާބުކޮށްދިން ލަނޑުން ނެވެ.
ރޭގައި މި ގުރޫޕްގައި ގްރީސް މޮޅުވެ ކޮލިފައިން ޕްލޭއޯފް ޖާގައަށް ވަނީ ފޯރިގަދަވެފައެވެ. ގްރީސް އަމިއްލަ ދަނޑުގައި 2-1 ލަނޑުން ސްވިޑަން އަތުން މޮޅުވި އިރު މި ގުރޫޕްގައި އެއްވަނައިގަ 13 ޕޮއިންޓުގައި އޮތް ސްޕެއިން ދެން އޮންނާނީ ސްވިޑަން މެޗެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް ސްވިޑެން ދެވަނައިގަ އޮތީ 9 ޕޮއިންޓާއެކުއެވެ. ސްވިޑަންވުރެ ތިން ޕޮއިންޓު މަދުން ހޯދައިގެން ގްރީސް އޮތީ ގުރޫޕުގެ ތިންވަނައިގައެވެ. ކޮސޯވޯއަށް ހަތަރު ޕޮއިންޓް ލިބޭއިރު ގުރޫޕުގެ ފުލުގަ އޮތް ޖޯޖިއާއަށް ލިބެނީ އެންމެ ޕޮއިންޓެއެވެ.