ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ބޮޑުވަޒީރުގެ މަގާމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމުގައި ކުރިންސުރެ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގާސިމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕެއްގައެވެ. ގާސިމްގެ ވާހަކަ ފެއްޓެވީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ. އޭނާ ވިދާޅުވީ ބޮޑުވަޒީރު ކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ ރައްޔިތުންނަށް އަދުލުވެރިވެ އެމަނިކުފާނުގެ ބޮޑުވަޒީރު ކަމުގައި އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމަށް ހަލީމް ވިދާޅުވިއެވެ.
ނަމަވެސް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވާހަކައާއި ދެކޮޅު ހައްދަވާ ވިދާޅުވީ، ގާސިމަށް ބޮޑުވަޒީރުކަން ދޭން ތާއީދު ނުކުރެއްވޭނެ ކަމަށެވެ. އަދި ބޮންޑޭ އެހެން ވިދާޅުވުމުން ދޮންބިލެތް ވިދާޅުވީ ގާސިމަށް ބޮޑުވަޒީރުކަން ދޭ ވާހަކައަކީ ބައެއް ބޭފުޅުންނަށް އަޑުއަހަން އުނދަގޫވާނެ ވާހަކައެއް ކަމަށާއި ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ވާނެތީ އެކަމުގައި ޒާތީ ނަޒަރަކުން ބެލުމުން ކަމު ނުދާނެ ކަމަށެވެ.
އިސްލާހީ މަސައްކަތުގައި ރާއްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ބޮޑު ހިއްސާއެއް އެބައޮތް ކަމަށާއި އެހެންކަމުން ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެން ޖެހޭ ކަމުގައި ވެސް ހަލީމް ވިދާޅުވިއެވެ. ދޮންބިލެތް ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވަ ރައީސް ނަޝީދު ވިދާޅުވީ ހަލީމަކީ ދުުރުވިސްނޭ ބޭފުޅެއް ކަމަށާއި ގާސިމަކީ ބޮޑުވަޒީރުކަން ކުރުމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވި ބޭފުޅަކީ އެމަނިކުފާނު ކަމަށް ވިދާޅުވެ ގާސިމަށް ނަޝީދު ތައުރީފް ވެސް ކުރައްވައިފައިވެއެވެ.
ތިން ބޭފުޅުންގެ ވާހަކަތަކާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުކަމުގެ ބަދަލުގައި ޕިއޯނުކަން އެމަނިކުފާނަށް ދިނުމަށް ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށެވެ.
ޤާސިމަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަން މީގެ ކުރިން ރައްޔިތުން އޮތީ ނިންމާފައި ކަމަށް ވިދާޅުވަމުން، ގާސިމް ވިދާޅުވެފައިވަނީ ރައްޔިތުން މަތީ އައުލަބިއްޔަތުން އެކަން ނިންމާފައި ވަނިކޮށް، ދައުރުގެ މެދު ތެރެއާއި ހަމައަށް ނާންނަނީސް ބަރުލަމާނީ ނިޒާމުގެ ވާހަކަ މާގަދަޔަށް ދައްކަނީ ކޮން ކަމެއްކައިކަންވެސް އެގޭ ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ، ރިޔާސީ ނިޒާމުކަން އެގި ކަށަވަރުވާ ކަމަށެވެ. އަަދި ކޮންމެ ނިޒާމެއް އޮތަސް، ކަން ކުރެވިގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ގާބިލްކަމާއި، ތަޖުރިބާގެ މައްޗަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ