ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ށ.ފުނަދޫއަށް ވަޑައިގެންނެވުމުން، ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފުނަދުއަށް ވަޑައިގެންނެވިއިރު، އިދިކޮޅު ޕީޕީއެމްއަށް ތާއީދުކުރާ މެމްބަރުން ތިބީ ބެނާތައް ހިފަހައްޓައިގެންނެވެ. ރައީސް ޞާލިހު ފުނަދުއަށް ފޭބުމާއިއެކު އެމީހުންވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ރައީސް ޔާމީނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް ފުލުހުންނާއި، ސިފައިންވަނީ އެމީހުންނަށް އެހާބޮޑަށް ކައިރި ނުވެވޭނެހެން އިންތިޒާމުތައް ރާވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފުނަދުއަށް ވަޑައިގަތުމަށްފަހު ވަނީ، ށ.އަތޮޅު ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަތޮޅު ކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު ފުނަދޫ ރަށު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގެ 4 ރަށަކަށާއި، މާޅޮސްމަޑުލު އުތުރުބުރީގެ 4 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެދެކަނބަލުން އެރަށްރަށުގައި ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ.