އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލައިގައި ވަކި ގޮތަކަށް އަމަލުކޮށްގެން ނުވާނެކަމަށާއި، ޖަޒުބާތު ދޫކޮށްލަން ވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ޢަބްދުﷲ ފައިރޫޝް ރިޓަޔަރ ކުރެއްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ (241) ކޮމެޓީން ދިރާސާކޮށް ނިންމުމަށްފަހު ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓްގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެއްވެސް މީހަކާއިމެދު ވަކި ގޮތަކަށް އަމަލު ކުރުމަކީ އިންސާފެއް ނޫންކަމަށެވެ. ފައިރޫޝްއާއި ދޭތެރޭގައިވެސް ޖަޒުބާތުގައި ޖެހިގެން ކަންކަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ.
ފައިރޫޝް އެމަނިކުފާނާއި ދޭތެރޭގައި ވަކި ގޮތަކަށް، ދެންހުރި މީހަކާއި ދޭތެރޭގައި ވަކިގޮތަކަށް، އަމަލުކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން ޖަޒުބާރުތައް ދޫކޮށްލަން އެބަޖެހޭ. ޖަޒުބާތުގައި ޖެހިގެން ވެރިކަން ވެއްޓެނީ ކީއްވެތޯ ބަލަން އެބަޖެހޭ. ވެރިކަމަށް އަންނަ މީހުން ނޮހޮވެނީ ކީއްވެތޯ ބަލަން އެބަޖެހޭ.
– ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ތިން ހަތަރު ޕާޓީ އެކުވެގެން ކަމަށްވާއިރު، ރާއްޖޭގައި އޮތީ ކޮން ނިޒާމެއްކަމެއްވެސް ސާފު ނުވާކަމަށެވެ. ބޮޑު ކޯލިޝަނެއްގައި ހިނގާ ހުރިހާކަމެއް ބަލަހައްޓަން ތިބެންޖެހޭ ބަޔަކީ ފުުލުހުން ކަމަށްވާއިރު، ފުލުހުންގެ މަސައްކަތަށް އަބަދު ފާޑުވިދާޅުވެ، ވާހަކަ ދެއްކުމަކީ ގަބޫލު ކުރާކަމެއް ނޫންކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ފުލުހުންގެ މުވައްސަސާގައި އިސްލާހު ކުރަންޖެހޭ ކަންކަންހުރިނަމަ އެކަން ކުުރުމަކީ ރަނގަޅު ގޮތެއްކަމަށެވެ. ނަމަވެސް ޖަޒުބާތީ ކަންކަމާއި، ޒާތީކަންކަން ވައްދައިގެން ފުލުހުންގެ މުއަސްސަސާ ރަނގަޅު ނުކުރެވޭނެކަމަށް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ