ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝްއަށް ރިޓަޔަރ ނުކުރެއްވޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހަށް ހުށަހެޅުނު ފައިރޫޝް ރިޓަޔަރ ކުރެއްވި ރިޕޯޓަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ފައިރޫޝްއަކީ ރައީސް ނަޝީދުގެ ޤާނޫނީ ވެރިކަން ވައްޓާލަން އެންމެ އިސްކޮށް ހަރަކާތްތެރިވި، އެއްބޭފުޅާކަމަށެވެ. އަމިއްލަ ފުޅަށް ފުލުހުންގެ އެންމެ އިސްމީހަކީ ތިމަންނާކަމަށްބުނެ، ހަމަނުޖެހުމަށް ނިކުތް ފުލުހުންނާއި ހަވާލުވުމަށްފަހު ފައިރޫޝް އަމަލު ކޮށްފައިވަނީ ފުލުުން އަމަލުކޮށްގެންވާނެ ގޮތަކަށް ނޫންކަމަށެވެ.
ހަސަން ވިދާޅުވީ ޤާނޫނީ ސަރުކާރު ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ވެރިކަމުން ދުރުކުރުމަށް ކުރެއްވި، އިސްކޮށް ހުންނެވި ބޭފުޅަކަށް ޝަރަފްވެރިކަމާއިއެކު ރިޓަޔަ ކުރެއްވުމަށް ތާއީދުކުރައްވާ ކަމެއްނޫންކަށެވެ. އަދިމިކަމުގެ ސަބަބުން ފުލުހުންގެ ތެރޭގައި ތިއްބެވި ޝަރަފްވެރިކަމާއިއެކު ރިޓަޔަރ ކުރައްވާ އެތައް ބޭފުޅުންގެ ޝަރަފަށް އުނިކަން އަންނާކެމަށެވެ.
ބަޣާވާތުގެ ބައިވެރިވެފައިވާ އެއްވެސް މީހަކަށް ޝަރަފްވެރިކަމާއިއެކު ރިޓަޔަރއެއް ނުކުރެއްވޭނެ. އެކަން އެމްޑީޕީން ދުވަހަކުވެސް ބަލައި ނުގަންނާނެ. ބަޣާވާތުގެ އެންމެ ކުރީގައި ހުންނެވި މީހަކަށް ޝަރަފްވެރިކަމާއިއެކު ވަކި ނުވެވެވޭނެ. އެއީ ރައީސް ޞާލިހުވެސް ބަލައި ގަންނާނެ ކަމެއްނޫން.
– ހަސަން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި އޮންނަ ގޮތުން، ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އޭނާއާ މެދު އެޅިދާނެ ފިޔަވަޅަކުން ސާލަމަތް ވުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަކިވާ މީހުން ފިޔަވައި އަމިއްލަ އިޚްތިޔާރުގައި ވަކިވާއިރު ޝަރަފުވެރިކަމާއެކު ވަކިވެވޭނީ އެފަދަ ކަމެއް ނެތް ނަމައެވެ.
241 ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ލިޔެފައިވަނީ، ޑރ. ފައިރޫޝްގެ އަމަލުތައް ޕާލަމަންޓަރީ ރިކޯޑިންތަކުގައާއި، އާންމުވެފައިވާ އޯޑިއޯ އަދި ވީޑިއޯ ރިކޯޑިންތަކުން ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު ޝަރަފުވެރިކަމާއެކު އޭނާ ވަޒީފާއިން ރިޓަޔާ ކުރެއްވުމަށް ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރިޕޯޓްގައި ދެން ފާހަގަ ކޮށްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެވެ. ފައިރޫޝް މަގާމުން ވަކިކުރަން އޭރު ނިންމާފައިވެއެވެ. 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ސަރުކާރާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަތައް ދައްކާފައިވާތީ ކަމަށް ބުނެއެވެ.
ކޮމެންޓު ފޮނުވާ