މި އަހަރު ކުރީކޮޅު އިއުލާންކޮށްފައިވާ ތަމަޅަ ފިލްމް "ތަޅަމް"ގެ ރިމޭކަށް މުރުނާލް ޓާކުރު ސޮއިކޮށްފިއެވެ.
މި ފިލްމު އިއުލާން ކޮށްފައިވަނީ މި އަހަރު ފެބްރުވަރީ ހިސާބުގައެވެ.
ފިލްމް އިއުލާން ކުރިއިރު ފިލްމްގެ ލީޑްރޯލުން އަދިތިޔާ ރޯއީ ކަޕޫރު ފެނިގެން ދާނެކަން ވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް އޭރު ބަތަލާއަކީ ކާކުކަން އޮތީ ސިއްރު ކޮށްފައެވެ.
މުރުނާލް މި ފިލްމަށް ސޮއި ކުރިއިރު އޭނާ ފާހަގަ ކުރެވިފައިވަނީ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންނާއި އެކު މަސައްކަތް ކުރާ ތަރިއެއްގެ ގޮތުގައިއެވެ.
ޓީ ސީރީޒާއި މުރާދު ކެތާނީގެ ސިނެ 1 ސްޓޫޑިއޯސް ގުޅިގެން ހަދަން ނިންމާފައިވާ "ތަޅަމް"ގެ ރިމޭކްގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ވަރުދާން ކެތުކަރް އެވެ.
ފިލްމް ގެ ޝޫޓިން ދިއްލީގައި އަންނަ މަހު ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޚަބަރުތަށް ބުނެއެވެ.
2019 ވަނަ އަހަރުގެ ފިލްމް "ތަޅަމް" އަކީ މަގީޒް ތިރުމޭނީ ޑައިރެކްޓްކުރި ކާމިޔާބު އެކްޝަން ތުރިލާއެކެވެ. ބަތަލު އަރުޖުން ވިޖޭ ޑަބަލް ރޯލެއް ކުޅުނު ފިލްމުގެ ބަތަލާ އަކީ ތާނިއާ ހޯޕް އެވެ.
"ތަޅަމް"ގެ ހިންދީ ރިމޭކް ވާނީ އަދިތިޔާ ޑަބަލް ރޯލެއް ކުޅޭ ފުރަތަމަ ފިލްމަށެވެ. މި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
މުރުނާލް ބޮލީވުޑަށް ނުކުތުމުގެ ކުރިން މަސައްކަތް ކޮށްފައިވަނީ ޓީވީ އިންޑަސްޓްރީގައިއެވެ. އޭނާ ވަނީ ބައެއް ޑްރާމާތަަައް ކުޅެ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައެވެ.