އިސްރާއީލުގެ އުތުރުގައި ހުންނަ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ގިލްބޯއާ ޖަލުން ފިލި، ފަލަސްތީނުގެ 6 މުޖާހިދުން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަންއެއް އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަށައިފިއެވެ.
އިސްރާއީލުގެ ފުލުހުން ބުނެފައިވާ ގޮތުގައި، މިހާރުވަނީ އެކި ސަރަހައްދުގައި ރޯޑް ބްލޮކްތައް ބަހައްޓާ އަދި ޖަލު ހުންނަ ހިސާބުގަޑު ޕެޓްރޯލްވެސް ކުރަން ފަށާފައެވެ.
އިސްރާއީލުގައި ހުރި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޖަލުން މުޖާހިދުން ފިލާފައިވަނީ ރޭގަޑުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ. އިސްރާއީލުގެ ޖަލުތަކުން މީހުންނަށް ފިލައިގެން ދެވުމަކީ އާދަޔާ ޚިލާފަށް މަދުން ހިގާފައި ހުރި ކަމެކެވެ.
BREAKING: 6 Palestinian terrorist prisoners escaped high-security prison in northern Israel using a tunnel. pic.twitter.com/xX80o4CXPs
— Hananya Naftali (@HananyaNaftali) September 6, 2021
އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނެފައިވާ ގޮތުގައި، މުޖާހިދުން ފިލާފައިވަނީ ޖަލުންގެ އެތެއިން ކޮނެގެން ހަދާފައިވާ ޓަނަލެއް ބޭނުން ކޮށްގެންނެވެ. އަދި ބުނެފައިވަނީ، މި މުޖާހިދުން ފިލާފައިވަނީ، ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ލިބިގެންކަމީ ކަށަވަރުވެ ޔަގީންވާ ކަމެއްކަމުގައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ޖަލުން ފިލި މުޖާހިދުންގެ ތެރޭގައި، ވެސްޓްބޭންކުގެ އުތުރުގައި އޮންނަ ޖެނީންގައި ހަރަކާތްތެރިވަމުންދާ، ފަތަހު ޖަމާއަތުގެ ހަގިރާމަވެރިންގެ ކުރީގެ ލީޑަރެއް ކަމުގައިވާ ޒަކަރިއްޔާ ޒުބެއިދީ ހިމެނޭ ކަމުގައެވެ. އަދި އޭނާގެ އިތުރުން، އިސްރާއީލުގެ ރައްޔިތުންނާ ދެކޮޅަށް ހަމަލާ ދިނުމުގެ ކުށުގައި އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވާ އިސްލާމިކް ޖިހާދުގެ 3 މުޖާހިދަކުވެސް ހިމެނޭ ކަމަށެވެ.
ބެލެވޭ ގޮތުގައި، ޖަލުން ފިލުމަށްފަހު، މުޖާހިދުން ގޮސްފައިވަނީ، ޖެނިން އަށެވެ. ޖެނިންއަކީ، ބައިނަލް އަގުވާމީގޮތުން ބަލައިގެންގައިވާ ފަލަސްތީން އޮތޯރިޓީގެ ބާރު ވަރަށް ކުޑަކޮށް ހިގާ ސަރަހައްދެކެވެ. އަދި މިއީ ފަލަސްތީނުގެ ހަގުރާމަވެރިން ފަހަކަށް އައިސް އިސްރާއީލު ސިފައިނާ ގިނަ އަދަދެއްގެ ކުރިމަތުލުންތަކެއް ހިގާފައިވާ ސަރަހައްދެއްވެސް މެއެވެ.
ފަލަސްތީނުގެ ޕްރިޒަނަރ ސަޕޯޓު ގުރޫޕުން ހާމަ ކޮށްފައިވާ ގޮތުގައި، މި ޖަލުން ފިލާފައިވާ 6 މުޖާހިދުންގެ ތެރެއިން އެކަކީ، ފަލަސްތީނުގެ ސިޔާސީ ޖަމާއަތެއްކަމުގައި ވާ ފަތަޙަ ޖަމާއަތުގެ ކޮމާންޑަރެއްކަމުގައިވާ ޒަކަރިއާ ޒުބެއިދީއެވެ. އަނެއް 5 މުޖާހިދުންނަކީ، ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ޖިހާދަށް ނިސްބަތްވާ މުޖާހިދުން ކަމުގައިވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޖާހިދުން ޖަލުން ފިލުމަކީ، ޝުކުރު ޙައްގު ކަމެއްކަމަށާއި އަދި މިއީ “އިސްރާއީލުގެ އަސްކަރިއްޔާއަށާއި އަދި މުޅި އިސްރާއީލުގެ ސިސްޓަމަށްވެސް ދެވުނު ރަގަޅު ފިލާވަޅެއް” ކަމުގައެވެ.
އިސްރާއީލުން ބުނެފައިވަނީ، އެގައުމުގެ އިންޓެލިޖެންސްއިން އެހީތެރިވެދީގެން، ޖަލުން ފިލި މުޖާހިދުން ހޯދުމަށްޓަކާ މިހާރު ވަރަށް ބޮޑު ޕޮލިސް އޮޕަރޭޝަނެއް ކުރިޔަށް ދާކަމުގައެވެ. އަދި އިސްރާއީލުގެ ޕޮލިހުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ޑްރޯންއާއި ހެލިކޮޕްޓަރުތައްވެސް ދަނީ ބޭނުން ކުރެވެމުންނެވެ.