ޑްރަގު ކެފޭތައް ހިންގާ ތަންތަން ފުލުހުން ނިކުމެ ބަންދު ކުރަން ފަށައިފި

ޑްރަގު ކެފޭތައް ހިންގާ ތަންތަން ފުލުހުން ނިކުމެ ބަންދު ކުރަން ފަށައިފި

މަސްތުވާތަކެތި ބޭނުންކުރުމަށް، ކެފޭ އުސޫލުން މީހުންނަށް ހިދުމަތް ދޭ ގެތަކަށް ފުލުހުން ގޮސް ބަންދުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށް ފާހަގަކުރެވޭ ތަންތަނަށް މީހުންނަށް ނުވަދެވޭނެހެން މިއަދު ހެނދުނު 7 އިން ފެށިގެން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަމަށެވެ.

އަދ މިއަދުން ފެށިގެން އެތަންތަނުގައި 24 ގަޑިއިރު ފުލުހުން ފޯރިމެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ 25 ތަނެއްގެ ވެރިފަރާތަށް މިހާރު ޤާނޫނީ އިންޒާރު ދީފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެފަދަ 8 މައްސަލައެއް މިހާރު ވަނީ ދައުވާކުރުމަށް ފޮނުވިފައިކަމާށެވެ. އަދި އިތުރު 4 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިހާރު ދައުވާ ކުރަން ފޮނުވުނު މައްސަލަތަކުގެ ތެރެއިން 1 ގެއްގެ ވެރިމީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލާގައި މަސްތުވާތަކެތީގެ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރި ފުރަތަމަ ފަހަރެވެ. ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ)ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ކަމުގައެވެ.

މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންނުން 768 މީހަކު ވަނީ ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ބަލާ ފާސްކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.

މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާވެސް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ އެއްޗެހިވެސް އެތަންތަނުން ފުލުހުން ހޯދިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *