ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ކުއްލި ޕްރެސް ކޮންފަރެންސްއެއް މިއަދު 4:00 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޗީފް އޮފް ސްޓާފްގެ ކުއްލި ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައި މިވަނީ، ޖުޑިޝައަރީއަށް ނުފޫޒު ފޯރުވުމަށް އޭނާ ބައެއް ފަނޑިޔާރުންނަށް ގުޅުއްވާ ކަމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އަދި މަގާމުން ވަކި ކުރެވިފައިވާ ބައެއް ފަނޑިޔާރުންވެސް ކުރައްވަމުން ގެންދަވަނިކޮށެވެ. އަދި ސޯޝަލް މީޑިއާގައި އިދިކޮޅު ސިޔަސީ ފަރާތްތަކުގެ ފާޑިއުކުން ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައި ވަނިކޮށްވެސް މެއެވެ.
މިގޮތުން އިދިކޮޅު ޕާޓީން ބުނަމުން ދަނީ، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ ހުކުމަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށާއި، އަދި މިހުކުމް ވަކި ގޮތަކަށް ކުރުވުމަށް، ޗީއޮފް ސްޓާފް މެދުވެރިކޮށް، ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ހަވީރު ކުއްލި ޕްރެސްއެއް ބޭއްވުމަށް ހަމަޖެއްސެވިއިރު، މިއަދު މެންދުރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް މިއަދު ނޫސްވެރިކްނާ ބައްދަލު ކުރައްވާފައެވެ.
މި ޕްރެސް ކޮންފަރެންސްގައި ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސާލިހު ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި، އަދި ޖޭއެސްސީވެސް ހިގަމުންދަނީ ވަރަށް ފުރިހަމަ ގޮތުގައި ކަމަށެވެ.
އަދި މި ޕްރެސް ކޮންފަރެންސްގައި ނަޝިދު ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެނޑިޑޭޓަކު ހޮވާނީ އެޕާޓީގެ އެތެރޭގެ ޕްރައިމަރީއަކުން ކަމަށާއި، އަދި 2018ގައި ރައީސް ސާލިހަށް ރިޔާސީ ޓިކެޓް ލިބިލެއްވީ އޭނާ އެފުރުސަތު ދެއްވުމުން ކަމަށެވެ.
މީގެކުރިން ނަޝީދު ވިދާޅުވެފައިވަނީ، 2023ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯދެއްވުމަށް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ