ދުނިޔޭގެ އެންމެ އަގުބޮޑު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ސްޕެެއިންގެ ބާސެލޯނާގެ އެންމެ މޮޅެތި ކުޅުންތެރިގެ ތެރޭގައި ހިމެނޭ ރޮނާލް ޑީނިއޯއާއި، މެސީ ބޭނުންކުރި 10 ނަންބަރު ޖާޒީ، ޒުވާން ތަރި އަންސޫ ފަޓީއަށް ދީފިއެވެ.
މެސީ ބާސާ ދޫކޮށްލުމާއެކު އެ ޓީމުގެ 10 ނަންބަރު ޖާޒީ ރިޓަޔާކުރަން ބައެއް ސަޕޯޓަރުން ގޮވާލި ނަމަވެސް، ބުދަ ދުވަހު ބާސާއިން ވަނީ އެ ޓީމުގެ 10 ނަންބަރު ޖާޒީ އުމުރުން 18 އަހަރުގެ ފަޓީއަށް ދީފައެވެ.
ގިނީ ބިސާއުއަށް އުފަން ފަޓީ ބާސާގެ ސީނިއާ ޓީމުން ޖާގަ ހޯދީ 2019 ވަނަ އަހަރުގެ އޯގްސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. އޮސަސޫނާއާ ދެކޮޅަށް ބާސާ ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަޓީ ކުޅެން އަރައި ވަނީ ހަ މިނެޓު ތެރޭ ލަނޑެއް ޖަހާފައެވެ. އެއާއެކު އޭނާ ވެފައިވަނީ ބާސާގެ ތާރީޚުގައި އެ ޓީމަށް މެޗެއް ކުޅެދިނުމުގެ އިތުރުން ބާސާގެ ޖާޒީގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި ފަޓީ އަކީ ސްޕެނިޝް ލީގުގެ ތާރީޚުގައި ލަނޑު ޖެހި ތިންވަނައަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. އޭރު އޭނާގެ އުމުރަކީ 16 އަހަރާ 304 ދުވަހެވެ.
އެއަށްފަހު ފަޓީ ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާއަކީ މިހާރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ފަޓީ ވަނީ ސްޕެނިޝް ލީގުގެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑުވެސް މުގުރާލާފައެވެ.
ކޮމެންޓު ފޮނުވާ