ރާއްޖޭގެ މިނިވަންކަން ހޯދައިދިން އެގްރިމެންޓުގައި ސޮއި ކުރެއްވީވެސް ބަރުލަމާނީ ބޮޑު ވަޒީރެއް ކަމަށާއި، އެކަންކަން ދިވެހި ރައްޔިތުންނަށް އޮޅުވާލަން ނޫޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00ގައެވެ. ތާރީޚީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރއެވެ.
މިނިވަންކަން ހޯދައިދިން ފޮޓޯއާއިއެކު ބޮންޑޭ ކުރެއް ޓްވީޓުގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދަންތުރައެއްކަމަށް ޤާސިމް ވިދާޅުވި ވިދާޅުވުމަކީ ރައްޔިތުންނަށް ކުރެއްވި ފުރައްސާރައެއް ކަމަށެވެ. ދިވެހިންނަށް މިނިވަންކަން ލިބުނު ގޮތާއި، އެކަން ހާސިލްވި އިރު ވެރިކަން އޮތްގޮތް އޮޅުވާލުމަށް ޤާސިމް ކުރެއްވި މަސައްކަތަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށް ބުނުމަކީ ދިވެހި ގައުމު މިނިވަންކަން ހޯދި ނިޒާމަށް ކުރި ފުރައްސާރައެއް، މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއެ ކުރެއްވީ ބަރުލަމާނީ ބޮޑުވަޒީރެއް. ޖޭޕީ ލީޑަރު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ.
– ބޮންޑޭ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށާއި އެ ބަދަލު ގެންނަން ހެޔޮނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ގާސިމް ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަނީ ވަކި މީހަކު ވެރިކަމަށް ގެންނަން ކަމަށެވެ. އަދި އެއީ، ގައުމަށް ހެޔޮ އެދިގެން ބަޔަކު ކުރާ ކަމެއް ނޫން ކަމަށް ވެސް، ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވިއެވެ.
ނަޝީދަށް ތާއިދުކުރައްވާ ފެކްޝަނުން އަންނަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އޭގައިވާ ގޮތުން ބަރުލަމާނީ ނިޒާމު ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އަދި 2020 ގެ ކުރިން އެކަން ކުރަން ޖެހޭ ކަމަށާއި އެކަން ތަންފީޒުކޮށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ވެ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ އާއި އެހެން ޕާޓީތައް ވެސް މެނިފެސްޓޯއެއް ތައްޔާރު ކުރި ކަމަށެވެ. ނަމަވެސް ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ހުރިހާ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރުމަށް ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކަށް އެއްބަސްވެފައިވާ ކަމަށާއި އޭގައި ބަރުލަމާނީ ނިޒާމެއް ގެނައުމުގެ ވާހަކައެއް ނޯންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ