ފަލަސްތީނަށް އެހީތެރި ވެދިނުމުގެ ގޮތުން އެމެރިކާގެ ކޮންސިއުލޭޓް ޖެރޫސެލަމްގައި ހުޅުވުމާ އިސްރާއީލް ދެކޮޅު

ފަލަސްތީނަށް އެހީތެރި ވެދިނުމުގެ ގޮތުން އެމެރިކާގެ ކޮންސިއުލޭޓް ޖެރޫސެލަމްގައި ހުޅުވުމާ އިސްރާއީލް ދެކޮޅު

Author
ހުސެއިން
01 ސެޕްޓެމްބަރ 2021 06:27
0

ފަލަސްތީނުގެ ރައްޔިތުންނަށް ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެމެރިކާގެ ކޮންސިއުލޭޓެއް ޖެރޫސެލަމްގައި އަލުން ގާއިމް ކުރުމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑްން ގެންގުޅުއްވާ ވިސްނުންފުޅާ އިސްރާއީލުގެ ފޮރިންގ މިނިސްޓަރ ޔައިރު ލަޕިޑް ދެކޮޅު ހައްދަވައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އޭނާގެ ވެރިކަމުގައި، މުޅި ޖެރޫސެލަމްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމުގެ ގޮތުން، ޓޭލްއަވީވްގައި ހުންނަ އެގައުމުގެ އެމްބަސީ ފަލަސްތީނުގެ ޖެރޫސެލަމްއަށް ބަދަލު ކޮށްފައެވެ. އަދި އެއަށްފަހު އޭގެކުރިން އެމެރިކާއިން ޖެރޫސެލަމްގައި ހުންނަ އެގައުމުގެ ކޮންސިއުލޭޓުން ކުރަމުންއައި މަސައްކަތްވަނީ އެމެރިކާއިން ޖެރޫސެލަމްއަށް ބަދަލުކުރި އެގައުމުން އިސްރާއީލަށް ގާއިމް ކޮށްފައި ހުންނަ އެމްބަސީއަށް ބަދަލު ކޮށްފައެވެ.

ޓަރަމްޕްވަނީ އޭނާގެ ސަރުކާރުން ޖެރޫސެލަމްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަކަން 2017ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާން ކޮށްފައެވެ. އަދި ޖެހިގެން އައި 2018ވަނަ އަހަރުގެ މޭމަހުގައި ޓަރަމްޕްވަނީ ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޖެރޫސެލަމްއަށް ބަދަލު ކޮށްފައެވެ.

ޓްރަމްޕްގެ މި ނިންމެވުމާއެކު، ފަލަސްތީނުންވަނީ، އެހާތަނާ ހަމައަށް އެގައުމުން އެމެރިކާއާއެކު ބާއްވަމުން ދިޔަ ސިޔާސީ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ. އަދި ފަލަސްތީނުންވަނީ، އެމެރިކާއިން އިސްނަގައިގެން މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރަމުންއައި ހުރިހާ މަސައްކަތެއް ބޮއިކޮޓްވެސް ކޮށްފައެވެ. ފަލަސްތީނުން ތުހުމަތު ކޮށްފައިވަނީ، އެމެރިކާއިން މަސައްކަތް ކުރަމުންދަނީ، ހަމައެކަނި އިސްރާއީލަށް ފައިދާވާ ގޮތަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.