ވެކްސިން ދޭންޖެހޭ އާބާދީގެ ތެރެއިން 18 އަހަރުންމަތީގެ މިވަގުތު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވަނީ 30 ހާސް މީހުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ %85 މީހުން ވެކްސިން ޖަހާފައިވާކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ %84 ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާލުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަގާ 30 ހާސް މީހުން އެބަތިބިކަމަށާއި، އޭގެ ތެރެއިން ގިނަ މީހުންނަނަކީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނާއި، ދާންމަތިވެފައިތިބޭ މީހުންކަމަށްވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެމީހުންހޯދައިގެން ވެކްސިން ޖެހުމަށް މަސައްކަތްކުރެވެމުން އަންނަކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ ޢުމުރުގެ ހުރިހާ އެންމެނަށް ވެކްސިން ހޯދުމަށްފަހު ސަރުކާރުން އަމާޒުހިފީ އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖެހި މީހުންގެ ނިސްބަތް %90އަށް ހަމަކުރާށެވެ. ނަމަވެސް ހާސިލުވީ %66 އެވެ.
ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރުވެސް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ކަންކަން ފެށި އެއް ޤައުމެވެ. މިހާތަނަށް ރާއްޖޭގަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 300،000 އިން މައްޗަށް އަރާފައެވެ.
މާލެ ސަރަޙައްދުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާދޭ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރ، އިސްލާމިކް ސެންޓަރ، އަރޓް ގެލަރީ އަދި ވިލިމާލެ ހޮސްޕިޓަލްގެ ވެކްސިނޭޝަން ސެންޓަރުންނެވެ. މި ތަންތަނުން އެޕޮއިންޓްމަންޓާ ނުލާ މިހާރު ވެކްސިން ޖެހޭނެއެވެ.
ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހަމުންނެވެ. މިގޮތުން 12 އަހަރާއި 17އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހައިދެނީ ފައިޒާ ވެކްސިނެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި މާބަނޑު މީހުންނަށްވެސް ފައިޒާ ވެކްސިން ޖަހައިދެއެވެ.
އެހެނިހެން ފަރާތްތަކަށް ޖަހަނީ އެސްޓްރަޒެނެކާ ވެކްސިނެވެ.