ޗެމްޕިއަންސް ލީގުގައި ރޭ މިޓްޔައެލަންޑް އަތުން 2-0 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ފަބީނިއޯ އަށް އަނިޔާވެއްޖެ އެވެ.
މެޗުގައި ލިވަޕޫލަށް ލީޑުނަގައިދިނީ ދެ ވަނަ ހާފު ފަށައިގެން 10 މިނިޓް ތެރޭ ޑިއޯގޯ ޔޮޓާ އެވެ. މިއީ ލިވަޕޫލުން ޖެހި 10،000 ވަނަ ލަނޑެވެ.
މެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހަންމަދު ސަލާހަށް އޭރިއާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ސަލާހު ކާމިޔާބުކޮށްދިން ލަނޑެކެވެ. ލިވަޕޫލްއަށް ރޭގެ މެޗުގައި އެންމެ ބޮޑު މައްސަލައެއް ދިމާވީ މެޗުގެ ކުރީކޮޅުގައި ފަހަތަށް ކުޅެމުން ދިޔަ ފަބީނިއޯ އަށް އަނިޔާވުމެވެ. ފަބީނިއޯ އަށް އަނިޔާވުމުން ބަދަލުގައި ކުޅެން އެރީ އުމުރުން 19 އަހަރުގެ ރީސް ވިލިއަމްސް އެވެ.
މިހާރުވެސް އެޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރިއިރު ފަބީނިއޯއަށް އަނިޔާވުމުން ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕްއަށް ވަނީ ޑިފެންސް ލައިން ބެލެހެއްޓުމަށް ކުޅުންތެރިއަކު ނެގުމަށް ބޮލުގެ ރިހުމަކަށް ވެފައެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިވަޕޫލް އޮތީ އެ ޓީމު ވާދަކުރާ ގްރޫޕްގެ އެއް ވަނައިގަ އެވެ.