ބަރުލަމާނީ ނިޒާމުގެ މިސާލަކީ މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަ އުސޫލު: ގާސިމް

ބަރުލަމާނީ ނިޒާމުގެ މިސާލަކީ މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަ އުސޫލު: ގާސިމް

ގުޅުންހުރި

ބަރުލަމާނީ ނިޒާމުގެ ހަގީގީ މިސާލަކީ، ދިވެހި ބަހުގައި ބުނެ އުޅޭ ހަރުބަހެއް ކަމުގައިވާ، މުޅި އޮޑީގައި ހަސަނުގެ ދެފައި އޮންނަ އޮތުން ކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ގާސީމް މިގޮތަށް ވިދާޅުވެފައިވަނީ، ދޮޅު އަހަރުގެ މެދު ކެނޑުމަކަށްފަހު، ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން، އެޕާޓީގެ ހަރުގެ، މ. ކުނޫޒުގައި، ޕާޓީއަށް ސޮއި ކޮސްފައިވާ ބައެއް މެމްބަރުން ފޯމުތައް ޕާޓީގެ ލީޑަރާއި ހަވަލުކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައެވެ.

މި ޖަލްސާގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މިހާރު ފަށްޓަވާފައިވާ، ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ އުވާލާ، ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ގާސިމް ވަނީ ފާޑު ވިދާޅުވެފައެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންނަށް އާދެވެނީ މަޖިލިހުގެ މެމްބަރަކަށް ވާނަމަ ކަމަށާއި، ދެން މެމްބަރު މީހާއަށް މެނޭޖިންގ ޑިރެކްޓަރު ކަންވެސް ދޭންވީ ކަމަށާއި، މިއުސޫލުން މެމްބަރުންނަށް ދައުލަތުގެ ހުރިހާ އިސް މަގާމްތަކެއް ބަހާލުމުން، މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ އުސޫލުން، މުޅި ޕާލަމެންޓުގައި ތިބޭނީ ސަރުކާރުގައި ތިބި މީހުންކަމަށާއި، މިގޮތުން މިނިސްޓަރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، މިހޮންގޮސް، އެކި ވަރުވަރުގަ އެކި ނަންނަމުގަ، ސަރުކާރުގެ އިސް ގިނަ މަގާމްތަކުގައި ތިއްބަވާނީ މަޖިލިސް މެމްބަރުން ކަމުގައެވެ.

ދެން ވިދާޅުވޭ އެމީހުން ވައްކަން ކުރީމާ، ކޮން މަޖިލިހަކުން ކާކުތޯ ދަނީ އެމީހުން ޒިންމާދާރު ކުރުވަން، ނޫނީ ވިއްޔާ ކާކުތޯ އެސުވާލު ކުރަނީ، އެންމެން ތިބޭނީ ރައްޔިތުންގެ މަޖިލިހުގަ، ރައްޔިތުންގެ މަޖިލިހަށް ދެން ގޮސް، އެއްޗެއް ހޯދަން ދާނި ކާކު ކައިރިއަށް، ރައްޔިތުންނަށް އެއްޗެއް ގެއްލިގެން، ޝަކުވާކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިގެން ކޮންވާހަކައެއް ދައްކާނީ

ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި، މިއޫސޫލުން ބަރުލަމާނީ ނިޒާމު ހިގާއިރު، އެނިޒާމަކީ، މަޖިލިހުގެ ތެރެއިން ކޯލިޝަން ހަދައިގެން ވެރިކަން ހިންގާ ނިޒާމެއް ކަމަށާއި، އެ ނިޒާމުގައި ސަރުކަރުގެ ވެރިޔަކަށް ހުންނަ މީހަކު ދުވަހަކު ރައްޔިތުންގެ ހާލު ބަލާލަން ރައްޔިތުންގެ ގާތަށް ދުވަހަކު ނުދިޔަޔަސް ރައްޔިތު މީހާއަށް ބުނެވޭނެ އެއްޗެއް، ކުރެވޭނެ ޝަކުވާއެއް ނެތްކަމަށެވެ. މިއާ ޚިލާފަށް ރިޔާސީ ނިޒާމުގައި، ވެރިޔަކަށް ހުންނަ މީހަކު އެންމެ މަދުވެގެންވެސް 5 އަހަރުން އެއްފަހަރު ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށާއި، އޭނާއަށް ވެރިކަމުގައި ހުރެވޭނީ ގައމުގެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު އޮވެގެން ކަމުގައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ގާތަށް ވެރިމީހާއާއި، ވަޒީރުންނާއި، ޕާޓީތަކުން ގޮސްގެން ޚިދުމަތްކޮށްދޭ ނިޒާމަކަށް ވާއިރު، ބަރުލަމާނީ ނިޒާމަކީ އެންމެ ކުޑަ އަބާދީންވެސް ވެރިކަމަށް އާދެވޭ ނިޒާމުކަމަށެވެ. އޭނާ ވިދާޅުވީ މީގެ އެތައް އަހަރެއް ކުރިން ރައްޔިތުން ނިންމާފައި ނިންމުން ބަދަލުކޮށް އުޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

ޤާސިމްވަނީ އަވަށްޓެރި ޤައުމުތަކުގައި ވެރިކަމުގެ ނިޒާމު ހިންގާ ގޮތްތަކުން މިސާލު ނަންގަވައި އިންޑިއާ ފަދަ ގައުމުތަކުގައިވެސް، ބޮޑުވަޒީރު ކޮންމެ ދުވަހަކުވެސް މަޖިލީހަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިޔަސް، އެގައުމުގައި ބޮޑުވަޒީރު މަޖިލީހަށްވެސް ފާއިތުވެދާ ދައުރުގައި ވަޑައިގެންފައިވަނީ މަދު ފަހަރެއްގައި ކަމަށްވެސް ވިދާޅުވެފައެވެ.

ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކީ ރިޔާސީ ނިޒާމުކަން މީގެ ކުރިން ރައްޔިތުން އޮތީ ނިންމާފައި ކަމަށް ވިދާޅުވަމުން، ގާސިމް ވިދާޅުވީ ރައްޔިތުން މަތީ އައުލަބިއްޔަތުން އެކަން ނިންމާފައި ވަނިކޮށް، ދައުރުގެ މެދު ތެރެއާއި ހަމައަށް ނާންނަނީސް ބަރުލަމާނީ ނިޒާމުގެ ވާހަކަ މާގަދަޔަށް ދައްކަނީ ކޮން ކަމެއްކައިކަންވެސް އެގޭ ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ، ރިޔާސީ ނިޒާމުކަން އެގި ކަށަވަރުވާ ކަމަށެވެ. އަަދި ކޮންމެ ނިޒާމެއް އޮތަސް، ކަން ކުރެވިގެންދާނީ، ވެރިކަމަށް އަންނަ މީހެއްގެ ގާބިލްކަމާއި، ތަޖުރިބާގެ މައްޗަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ