އެކިއެކި ނުފޫޒަށް ލެބޭ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ މެމްބަރު، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
ސިރާޖު މިހެން ވިދާޅުވީ ރައީސް ޔާމީނަށް ދަށު ކޯޓުން ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރެއްގެ އޯޑިއޯ ލީކުވި މައްސަލަ ޖޭއެސްސީން ތަހުގީގް ކުރަމުންދާތީ އެކަމަށް އިޝާރަތް ކޮށެވެ. ސިރާޖު ވިދާޅުވީ ފަނޑިޔާރުގެއަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ފަނޑިޔާރުގެއަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެފަދަ ކަންކަން ކުރާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ. އަދި ނުފޫޒަށް ލެބޭ ފަނޑިޔާރުން ފަނޑިޔާރު ކަމުން ވަކިކުރަންޖެހޭ.
– ސިރާޖު ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދެވި ތިިން ޤާޒީއަކަށް ނުފޫޒުފޯރުވިކަމަށް ބުނާ މައްސަލައިގައި، ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދާނެކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމުވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ މައްސަލަ ތަޙުޤީޤުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ކުއްލި ޖަލްސާއެއްގައި ނިންމާފައިވާކަމަށެވެ. އަދި މައްސަލަ ތަޙުޤީޤުކުރުމަށް އެކުލަވައިލި ކޮމިޓީން މައްސަލައިގެ ތަޙުޤީޤު މިހާރު ފަށާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ޖޭއެސްސީން ވިދާޅުވީ މި މައްސަލާގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.