ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާނަމަ އެކަމެއް ބަލައި ތަޙްޤީޤުކުރާނެކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ބެއްލެވި މައްސަލައެއްގައި ޙުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުންނަށް އެ މައްސަލަ ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވިކަމަށް އެ ފަނޑިޔާރުން ވިދާޅުވާކަމަށް ބުނާ އޯޑިއޯތަކަކާ ހަވާލާދީ މީޑިއާގައި ފެތުރެމުންދާ ޚަބަރާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނެއްގައެވެ.
ޖޭއެސްސީން ބުނެފައިވަނީ ފަނޑިޔާރުންނަކީ، ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްސުބުން އެއްކިބާވެ، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއްކަމަށެވެ.
އެހެންކަމުން އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަކީ، ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި، ފަނޑިޔާރު ގޭގެ މިނިވަންކަމާއި، އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށްޓަކައި، ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލައި ތަޙުޤީޤު ކުރާނެ ކަމެއް ކަމުގައެވެ.
2019 ނޮވެމްބަރު 28، ގައި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަތީ ރިޔާސަތު ބެލެހެއްޓެވި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސެއިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި މިހާރު ޑްރަގް ކޯޓުގައި ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ.
އޭގެ ތެރެއިން ފަނޑިޔާރު ފާއިޒާއި، ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު، ރައީސް ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެއް މިއަދު ވަނީ ލީކުވެފައެވެ.
ރައީސް ޔާމީންގެ މައްސަލަ ބަލަން ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލީ އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމުން އެ މައްސަލައާ ހަވާލުވެވަޑައިގެންނެވި ގާޒީ އަލީ ރަޝީދުގެ ނަޒާހަތްތެރިކަމާ މެދު ރައީސް ޔާމީންގެ ފަރާތުން ސުވާލު އުފައްދަނިކޮށެވެ
One Response
ޖޭއެސްސީ އިން ނުފޫޒު ފޯރުވިމައްސަލަ ބަލަނީވެސް ޖޭއެސްސީ އިން ތޯ؟