އިންތިޤާލީ އިންސާފުގެ ބިލަށް ޝަހިންދާގެ މަޝްވަރާއާއި، ޚިޔާލު ހޯދައިފި

އިންތިޤާލީ އިންސާފުގެ ބިލަށް ޝަހިންދާގެ މަޝްވަރާއާއި، ޚިޔާލު ހޯދައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 08:59
0

2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު އަދާކުރި ޝަހިންދާ އިސްމާއިލްގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އާންމުންގެ ޚިޔާލް ހޯދުމުގެ ފޯރަމުގައި ޝަހިންދާ ވަނީ މިބިލަށް އިތުރުކުރަންޖެހޭ ކަންކަމާއި، އިންސާފު ގާއިމްކުރުމުގައި ހުރި ހުރަސްތަކާއި ގުޅޭގޮތުން ވާހަކަ ދައްކާފައެވެ. ޖަރުމަންވިލާތުގައި މި ވަގުތު ހުރި ޝަހިންދާ އަށް އޯޑިއޯ ކޮންފެރެންސްކޮށް ފޯރަމުގައި ބައިވެރިވުމަށް ދިން ފުރުސަތުގައި އޭނާ ދެއްކި ވާހަތަކަކީ މިބިލްގެ ކޮމިޓީ މަރުހަލާއަށް ބޭނުންތެރި މުހިންމު ވާހަތަކެއްކަމަށް ޕެނަލްގައި ތިއްބެވި ހަސަން ލަތީފާއި، އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ފޯރަމެއްގައި ޝަހިންދާ ބައިވެރިވިކަން ފަޅާއަރާފައި ވާއިރު، އޭނާ މި ފޯރަމުގައި ބައިވެރިކުރުން ކުށްވެރިކޮށް އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު ތޫބާ ރަޝީދު ކުރެއްވި ޓްވީޓަކަށް ޝަހިންދާ ވަނީ ރައްދު ދެއްވާފައެވެ. ޝަހިންދާ ބުނެފައިވަނީ އޭނާއަކީ ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި، އެހެން ނޫން ނަމަ ސަރުކާރުގެ އިދާރާތަކަށް އޭނާއާއި ގުޅޭނެ ނަމްބަރު ދީފައި ނޯންނާނެ ކަމަށެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރުން ކަމަށްވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމްއަށް ފުލުހުން ނޯޓިސް ފޮނުވުމުން، ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ބުނެ ފުލުހުންނަށް ހާޒިރުވާން އެދެމީހުން ވަނީ އުޒުރުވެރިވެފައެވެ.

އެމްޑީއެން ރިޕޯޓު މައްސަލަ ފެންމަތިވުމުން އެ ޖަމިއްޔާ އުވާލުމަށާއި އެ ރިޕޯޓު އެކުލަވައިލި ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެތަށް ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގެ ކައުންސިލްތަކުން އެކަމާ ދެކޮޅަށް ބަޔާން ނެރެ މާލެ އާއި ގިނަ ރަށްތަކުގައި ވަނީ މުޒާހަރާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.