ސާނަވީ އާއަހަރުގެ ކިޔެވުން ފެށި މިހާތަނަށް އައިއިރުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަނުވާތީވެ މ.ކޮޅުފުށީގައި ހުންނަ އަތޮޅު މަދަރުސާގެ ޓީޗަރުން ސްކޫލު ތެރޭގައި އިހުތިޖާޖު ކޮށްފިއެވެ.
އިޚްތިޖާޖް ކުރި ޓީޗަރުން ތިބީ އެކި ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. ހަމަ ހިމޭން ކަމާއިއެކު ކުރި އިހުތިޖާޖުގެ ބޭނުމަކީ މިކަމުގެ ކަންބޮޑުވުން އޮތް މިންވަރު ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ހާމަކޮށް ދިނުމުންކަމަށް ވަނީ ބުނެފައެވެ.
ގާތްގަނޑަކަށް 200 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އެ ސްކޫލުގެ ޓީޗަރުންގެ ކަންބޮޑުވުމަކީ އިސްލާމް ފޮތްތަކާއި ދިވެހި ފޮތްތައް ހަމަނުވުމެވެ. އަދި ޓީޗަރުންނަށް ބޭނުންވާ ވަރަށް ކޮމްޕިއުޓަރު ސިސްޓަމް ނެތުމުގެ ކަންބޮޑުވުންވެސް ޓީޗަރުން ދަނީ ފާޅުކުރަމުންނެވެ. އެ ޝަކުވާ ސްކޫލު މެނޭޖްމެންޓުގައި ޓީޗަރުން ކުރުމުން އެ ވާހަކަތައް އެޑިއުކޭޝަނާއި ހިއްސާކޮށްފައިވާ ކަމަށް އެމީހާ ބުންޏެވެ.
މިއަދު ހެނދުނު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން، ކިޔަވައިނުދީ ޓީޗަރުން މުޒާހަރާކޮށްފައި ވަނީ އެ ސްކޫލްގެ ގޯތިތެރޭގައެވެ. ކޮޅުފުށީ ކައުންސިލްގެ ރައީސް އަބްދުލް އަލީމް ވިދާޅުވީ އެ ރަށު ސްކޫލްގެ ޓީޗަރުންނާއި މެނޭޖުމަންޓާ ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއްގައި، ޓީޗަރުން މިއަދު ސްކޫލްގައި މުޒާހަރާކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މިހާރު ކައުންސިލުން ސްކޫލާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
މި ފަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފަށާފައިވަނީ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. ކިޔެވުން ފެށުނުއިރު ބައެއް ސްކޫލްތަކަށް ދިވެހި އަދި އިސްލާމް ފޮތްތައް ނުފޮނުވޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރިން ވިދާޅުވެފައި ވެއެވެ.