ޗެމްޕިއަންސް ލީގް ފުޓްބޯޅަ މުބާރާތުގައި ފްރާންސްގެ އޮލިންޕިކް މާސޭގެ މައްޗަށް ކުރިހޯދާ އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީން މުބާރާތުގެ މޮޅުވުމުގެ ފޯމު ދަމަހައްޓައިފިއެވެ.
މާސެއިގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީ މޮޅުވީ 0-3 ލަނޑުންނެވެ. ސިޓީން މެޗުގައި ލަނޑެއް ޖަހާ ލީޑު ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. މިއީ ގާޑިޔޯލާގެ ކޯޗުކަމުގައި ސިޓީން ކާމިޔާބުކުރި 600 ވަނަ ލަނޑެވެ.
މެޗުގައި ސިޓީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ 76 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނި ގުންޑަގަންއެވެ. ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންނެވެ. މިއީ ގުރޫޕް ސްޓޭޖުގައި ފުރަތަ ދެމެޗު ސީޓީ ކާމިޔާބު ކުރި ތިންވަނަފަހަރުއެވެ. މި މޮޅާއެކު ސިޓީން ވަނީ ގުރޫޕް ސްޓޭޖުގައި ބަލިނުވެ 13 މެޗު ހަމަކޮއްފައެވެ.
ރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ގްރޫޕް ސީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕޯޓޯ އޮތީ ތިން ޕޮއިންޓާއެކު ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ތިންވަނައިގައި އޮލިމްޕިއާކޯސް ވެސް ތިން ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާސޭއެވެ.