ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ މައުލޫމާތު ދޭން ފެށުމާއިއެކު، ޖަލްސާގައި ބައިވެރިވި ގިނަ މެމްބަރުންތަކެއް ޖަލްސާ ދޫކޮށް ގޮސްފިއެވެ.
އޮންލައިންކޮށް ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލިސް ޖަލްސާއަކީ މިފަހުން އެޕާޓީގެ ޤައުމީ މަޖިލީހުގެ އެންމެ ގިނަ މެމްބަރުން ބައިވެރިވެގެން ބޭއްވުނު ޖަލްސާއެވެ. ރޭގެ ޖަލްސާގައި 123 މެމްބަރުން ވަނީ ބައިވެރި ވެފައެވެ. ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީގެ ބާރުގަދަ އެއް މަޖިލިސް ކަމަށްވާ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިހުގެ އިންތިހާބުގެ މައްސަލައެވެ.
9 މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމެޓީ ނެގުމަށް ރޭ މަސައްކަތް ކުރި ނަމަވެސް މިކަން ސިއްރު ވޯޓަކުން ކުރާ ގޮތަށް ޤައުމީ މަޖިލިސްގެ މެޖޯރިޓީން ވަނީ ފާސްކޮށްފައެވެ. ރޭގެ ޖަލްސާގައި މެމްބަރުން އެހާ ގިނަ އަދަދަކަށް ބައިވެރިވީ މިސަބަބަށްޓަކައެވެ. ރޭގެ ޖަލްސާގައި ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުންނާއި، ރައީސް ޞާލިހަށް ތާއީދު ކުރައްވާ ޤައުމީ މަޖިލިސް މެމްބަރުންގެ މެދުގައި ހުރި ނުރުހުމުގެ ޝުއޫރުތައް ދޭތެރެ ދޭތެރެއިން ދިޔައީ އަމާޒު ކުރަމުންނެވެ.
އިސްތިއުނާފް މަޖިލީހުގެ ވޯޓު ނިމި ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު މެއި 6 ކޮމެޓީން ދޭން ފެށުމާއިއެކު، ޤައުމީ މަޖިލީހުގައި ހިމެނޭ ރައީސްގެ މެމްބަރުންކަމަށް ބުނާ މެމްބަރުން ވަނީ ޖަލްސާ ދޫކޮށް ގޮސްފައެވެ. މިގޮތުން އެންމެ ފުރަތަމަ ޖަލްސާ ދޫކުރި މެމްބަރުންގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީވެސް ހިމެނި ވަޑައި ގަންނަވައެވެ.
ވަރަށް ކަންބޮޑުވޭ އިނގޭތޯ ޗެެއާ. އަޅުގަނޑުމެން މެއި ހައެކޭ ވިދާޅުވުމާއެކު އެންމެ ފުރަތަމަވެސް ޑިފެންސް މިނިސްޓަރު ނިކުމެވަޑައިގެންނެވިތަން ފެނުނީ. އެ ދެން ވަރަށް ދެރަކަމެއް.
ވަހީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުންގެ ފަރާތުން މިކަމަށް ބޮޑު ފާޑުކިޔުން އަމާޒު ވެފައިވާއިރު، މެމްބަރުން ވިދާޅުވީ މިއީ ރައީސް ނަޝީދުގެ ހަމަލާއަށް ސަރުކާރުން ސަމާލުކަން ނުދޭ މިންވަރު ހާމަވާކަމެއްކަމަށެވެ. ޤައުމީ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ބޭނުންވި ކަންކަން ޤައުމީ މަޖިލީހުން ހާސިލް ކުރުމަށްފަހު އެމްޑީޕީގެ ރައީސަށް ދިން ހަމަލާގެ މައުލޫމާތު ހިއްސާ ކުރަން ފެށި ހިސާބުން ޖަލްސާ ދޫކޮށް ދިއުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށެވެ.
މިރޭގެ މި ގައުމީ މަޖިލީސް ފެއްޓެވުމާއެކުގައި އެ ބޭފުޅުން ބޭނުންވާ ބައެއް ކަންކަން ނިމުމާއެކުގައި މިހާރު އެ ނިކުމެވަޑައިގަތީ. އިއްޒަތްތެރި މެންބަރު މުހައްމަދު ވަހީދު ފާހަގަކުރެވި ގޮތަށް މިހާރު އެ ބޮނދަމުން ފިލަމުން ގެންދަމުން އެބަދޭ.
– އިންތި ވިދާޅުވިއެވެ
އެމްޑީޕީގެ ތެރޭގައި އޮތް ރައީސް ނަޝީދާއި، ރައީސް ޞާލިހުގެ ވާދަވެރިކަމުގެ ތެރެއިން ރޭގެ ވޯޓުގައިވެސް ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން މަދުކަން ވަނީ ހާމަ ވެގެން ގޮސްފައެވެ. ރޭ ނެގުނު ވޯޓުގައިވެސް ރައީސް ޞާލިހަށް ތައީދު ކުރާ ބޭފުޅުން ބޭނުންވި ގޮތަށް އިންތިއުނާފް މަޖިލިސް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ 100 މެމްބަރުންގެ ވޯޓު ލިބިފައެވެ. ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ބޭނުންވި ގޮތަށް ލިބުނީ 15 ވޯޓެވެ.