މަގުބޫލު ސިލްސިލާ ޑްރާމާ "ޕަވިތްރަ ރިޝްތާ" ގެ ސްޕިން އޮފްގެ ގޮތުގައި ގެނެސްދޭ "ޕަވިތްރާ ރިޝްތާ 2.0″ ގެ ޕްރޮމޯ ލީޑް ތަރިންނާއި އެކު ދައްކާލައިފިއެވެ.
ޒީ5ގެ ސްޓްރީމިންގ ޕްލެޓްފޯމުން ގެނެސްދޭ މި ޑްރާމާއިން އަންކިތާ ލޮކެންޑޭ ފެނިގެން ދާނީ މީގެ ކުރިން ވެސް ގެނެސްދިން މި ޑްރާމާ އިން އޭނާ ފެނިގެން ދިއަ އަރްޗަނާގެ ރޯލުންނެވެ. ނަމަވެސް މާނަވްގެ ރޯލުން ސުޝާންތު ސިންގ ރާޖްޕޫތުގެ ބަދަލުގައި މި ފަހަރު ފެނިގެން ދާނީ ޝާހީރް ޝެއިޙް އެވެ.
މި ޑްރާމާގެ ޕްރޮމޯއެއް ވަނީ އަންކިތާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ޑްރާމާ ވަރަށް އަވަހަށް ދައްކަން ފަށާނެކަމަށް ޚަބަރުތައް ބުނެއެވެ.
މި ޕްރޮމޯއާއެކު ގިނަބަޔަކު ވަނީ ސުޝާންތުގެ ހަދާން ވާކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ. މީގެ ކުރިން ދިން އިންޓަވިއުއެއް ގައި ވާހަކަ ދައްކަމުން ޝަހީރު ވަނީ މި ޑްރާމާގައި އޭނާގެ ބެސްޓް ދައްކާނެކަމަށް ބުނެފައެވެ. އަދި ސުޝާންތު ކަހަލަ ކުޅަދާނާ އެކްޓަރަކު ކުޅުނު ބައެއް ކުޅެން ލިބުމުން ގަބޫލު ކުރަން ދަތިކަމަށް ވެސް ވަނީ ބުނެފައެވެ.
މިދިއަ އަހަރު އަމިއްލައަށް މަރުވި ސުޝާންތުގެ ފޭނުން ދަނީ އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލަމުންނެވެ. މި ޑްރާމާ ކުޅުނު ދުވަސްވަރު އަންކިތާ އާއި ސުޝާންތު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.